މިފްކޯއިން ކަޅުބިލަމަސް ކިލޯއެއް ގަންނަ އަގު 22 ރުފިޔާ

FotoJet-26-1.jpg

ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އިން މަސްވެރިންގެ އަތުން ކަޅުބިލަމަސް ގަންނަ އަގު އިއްޔެއިން ފެށިގެން 22 ރުފިޔާއަށް ބޮޑުކޮށްފިއެވެ.

މިއީ މަސް ކިލޯއެއްގެ އަގު 21 ރުފިޔާގައި ހުންނަތާ ގިނަ ދުވަސްތަކަކަށް ފަހު އެ ކުންފުނިން ގެނައި ބަދަލެކެވެ.

މިފްކޯ އިން ބުނީ އަގުތަކަށް ބަދަލު ގެންނަނީ މަސްވެރިންނަށާއި ކުންފުންޏަށް ވެސް އެންމެ ފައިދާހުރި ގޮތަށް ބަލައިގެން ކަމަށާއި، މި ބަދަލަކީ މިހާރު މަސްވެރިކަމުގެ ސިނާއަތުގައި ޑިމާންޑާއި ސަޕްލައި އޮތް މިންވަރާ ގުޅުވައިގެން ގެނައި ބަދަލެއް ކަމަށެވެ.

”މި ބަދަލަކީ މިހާރު މަސްވެރިކަމުގެ ސިނާއަތުގައި ޑިމާންޑާއި ސަޕްލައި އޮތް މިންވަރާ ގުޅުވައި ގެނައި ބަދަލެއް. މިއީ އާންމު މަސްވެރިންނަށް އިންސާފުވެރި ބަދަލަކާއި ދެމެހެއްޓެނިވި ދިރިއުޅުމެއް ހޯދައިދިނުމަށް ސަރުކާރުން ވަމުންދާ ވައުދުތަކާ ގުޅޭ ބަދަލެއް. މިއަދުން ފެށިގެން އެހެން ރޭޓެއް ކަނޑައެޅެންދެން އޮންނާނީ މި [22 ރުފިޔާގެ] ރޭޓް.“ މިފްކޯއިން މައުލޫމާތު ދިނެވެ.

މިފްކޯ އިން ހުރިހާ ބަނދަރަކުން ވެސް ކަޅުބިލަމަސް ކިލޯއެއް 22.00 ރުފިޔާއަށް ގަންނައިރު، 10 އާއި 15 ކިލޯއާ ދެމެދުގެ ބޮޑުކަންނެލި ކިލޯއެއް ގަންނަނީ 20.00 ރުފިޔާއަށެވެ. އަދި 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިލޯއެއް ގަންނަނީ 25.00 ރުފިޔާގެ މަގުންނެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، މިހާރު މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމުގެ ސިޔާސަތު ވެސް ދަނީ ތަންފީޒުކުރަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ސަރުކާރުގެ އަމާޒަކީ މަސް ކިލޯއެއްގެ އަގު 20 ރުފިޔާ ނުވަތަ އެއަށްވުރެ މަތީގައި ހިފެހެއްޓުން ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top