ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ސަބަބުން ފައިދާ ވަނީ ހައެއްކަ މުއްސަންޖަަކަށްނޫން ކަމަށާއި، އެ ފިޔަވަޅުތަކުން ފައިދާ ވަނީ ރައްޔިތުންނަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި އޭދަފުށީ ދާއިރާގެ ޕީއެންސީ މަޖިލިސް މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް) ވިދާޅުވެއްޖެއެވެ.
ސަލީމް މިހެން ވިދާޅުވީ، ރިޔާސީ ޕްރައިމަރީއަކާ ނުލައި، 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓެއްގެ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް އެރުވުމަށް ޕީއެންސީގެ މަތީ މަޖިލީހަށް މިއަދު ހުށަހެޅި ގަރާރަށް ތާއީދު ކުރައްވައި ޕީއެންސީގެ ކޮންގްރެސްގައި ވާހަކަ ދައްކަވަމުންނެވެ.
ސަލީމް ވިދާޅުވީ، 2028 ރިޔާސީ ކެނޑިޑޭޓްކަން ރައީސް މުއިއްޒަން ދޭން ބޭނުންވާ އެންމެ ބޮޑު އެއް ސަބަބަކީ އެމަނިކުފާނު ރައްޔިތުންނާ އެއް ހަަމައިގައި މަސއްކަތްޕުޅު ކުރައްވަމުން ގެންދެވުން ކަމަށެވެ.
”އަޅުގަނޑުމެން ނުދެކެން މިހާތަނަށް ރާއްޖޭގެ ހުރިހާ ރަށަކަށް ދެފަހަރު ނޫނީ ތިން ފަހަރު ބައެއް ރަށްރަށަށް، އަނެއްބައި ރަށްރަށަށް ހަތަރު ފަހަރު ވެސް ވަޑައިގެންނެވި ރައްޔިތުންގެ ހާލު ބައްލަވާލައްވަން. އަދި މިހާތަނަކަށް ދެއަހަރު ބައިގެ ތެރޭގައި ރާއްޖޭގެ ތާރީހުގައިވެސް އެއްވެސް ވެރިޔަކު މިވަރަށް ރައްޔިތުންގެ ހާލު ބައްލަވާފައެއް ނެތް،“ ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ އޭގެ އިތުރުން މާލޭގައި ގިނަ އަދަދަކަށް އާއްމު ރައްޔިތުންނާ ރައީސް މުއިއްޒު ބައްދަލު ކުރައްވައި ހާލު ބައްލަވަމުން ގެންދަވާ ކަމަށެވެ. އޭގެ އިތުރުން އެކިއެކި ކޮމިޓީތަކާއި، އެކިއެކި ޖަމިއްޔާތަކާއި ބައްދަލުކުރައްވައި ގައުމުގެ ހާލަތު ސީދާ އެމަނިކުފާނު ބައްލަވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވިއެވެ.
”މީހަކު އައިސް ބުނާ ވާހަކައެއްނޫން ސީދާ އަމިއްލަފުޅަށް ރައީސް އޮފީހަށް ގެންނަވައި ގައުމުގެ ހާލަތު ބައްލަވައި، އެބޭފުޅުންގެ ހާލަކީ ކޮބައިތޯ ބައްލަވައި އެޅެން ހުރި ފިޔަވަޅެއް ގާނޫނީ ހަމަތަކުގެ ތެރެއިން އަދި އަމިއްލަފުޅަށް ވެސް އެގެންދަވަނީ އަޅުއްވަމުން،“
ސަލީމް ވިދާޅުވީ ބައެއްފަހަރު ސަރުކާރުވެސް އަދި ސަރުކާރުގެ މަތީ ފަންތީގައި ތިބޭ މީހުންވެސް ތިބެނީ ވިޔަފާރިވެރިންގެ އަތްދަށުވެފައި ކަމަށެެވެ. ނަމަވެސް ރައީސް މުއިއްޒަކީ އެެފަދަ ބޭފުޅެއްނޫން ކަަމަށްވެސް ވިދާޅުވިއެވެ.




