ޕީއެންސީ އަށް ނައިބު ރައީސުން ހޮވައިފި

big_aiRf491UYtGOctbYtRrhoHvUd.jpg

ޕީއެންސީ އަށް އާ ނައިބު ރައީސުން މިއަދު ހޮވައިފި އެވެ.

ޕީއެންސީގެ ނައިބު ރައީސުންގެ މަގާމަށް އަށް ބޭފުޅަކު ވާދަކުރެއްވި އިރު، ނައިބު ރައީސުންނަށް އިންތިޚާބުކުރީ 6 ބޭފުޅެކެވެ.

ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސްގައި އެ ޕާޓީގެ ނައިބު ރައީސުން ހޮވުމަށް ބޭއްވި އިންތިޚާބުގައި 968 ވޯޓު (88.4 އިންސައްތަ) އާއެކު އެންމެ ގިނަ ވޯޓު ހޯއްދެވީ ޔޫތު މިނިސްޓަރު ޢަބްދުﷲ ރާފިޢު އެވެ.

ޕާޓީގެ ނައިބު ރައީސްކަމުގެ ހަ މަގާމަށް އަށް ބޭފުޅަކު ވާދަކުރެއްވި މި އިންތިޚާބުގައި، ޖުމްލަ 1095 މަންދޫބުން ވަނީ ވޯޓުލާފައެވެ.

އިންތިޚާބީ ކޮމިޓީން އިއްވި ނަތީޖާއިން ދައްކާގޮތުން ނައިބު ރައީސްގެ މަގާމަށް ހޮވުނީ ރާފިއުގެ އިތުރުން ފިޝަރީސް މިނިސްޓަރު އަޙުމަދު ޝިޔާމް، ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ، ބާރަށު ދާއިރާގެ މެންބަރުން އިބްރާހީމް ޝުޖާއު، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު އަދި ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އެވެ.

968 ވޯޓު މިނިސްޓަރު ރާފިއު ހޯއްދަވާފައިވާއިރު ދެން އެންމެގާތުން ވޯޓު ހޯއްދަވާފައިވަނީ މިނިސްޓަރު ޝިޔާމެވެ. ޝިޔާމަށް 964 ވޯޓު (88.04 އިންސައްތަ) ލިބިވަޑައިގެންނެވި އިރު، ސައުދާ ވަނީ 923 ވޯޓު (84.29 އިންސައްތަ) ކާމިޔާބު ކުރައްވާފައެވެ.

މީގެ އިތުރުން ޝުޖާއުއަށް 862 ވޯޓު (78.72 އިންސައްތަ)، ސައީދަށް 833 ވޯޓު (76.07 އިންސައްތަ) އަދި މުންދުއަށް 780 ވޯޓު (71.23 އިންސައްތަ) ލިބިވަޑައިގަތެވެ.

މި އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ނިމާލަށް 301 ވޯޓު (27.49 އިންސައްތަ) ލިބިވަޑައިގަތްއިރު، އަސްމާއަށް ލިބިވަޑައިގަތީ 288 ވޯޓު (26.30 އިންސައްތަ) އެވެ.

ޕީއެންސީގެ އަސާސީ ގަވައިދުގައިވާ ގޮތުން ޕީއެންސީ ވެރިކަން ކުރާއިރު ރައީސުލްޖުމްހޫރިއްޔާގެ ނައިބް އޮޓޮމެޓިކުން ޕީއެންސީގެ ނައިބް ރައީސަކަށް ވާނެ އެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބް ހުސައިން މުހައްމަދު ލަތީފަކީވެސް އެ ހައިސިއްޔަތުން ޕީއެންސީގެ ނައިބް ރައީސެކެވެ.

ޕީއެންސީގެ ރައީސަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ޗެއާޕާސަނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

އެ އިންތިޚާބުގައި ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ކިއުއާރް ކޯޑު މެދުވެރިކޮށެވެ.

އިންތިޚާބާ ގުޅޭ އެއްވެސް ޝަކުވާއެއް ވާނަމަ މިއަދު މެންދުރުފަހު 2:00 ގެ ކުރިން ލިޔުމުން ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. އަދި ހަވީރު 4:00 އާ ހަމައަށް ޝަކުވާތައް ބެލުމަށްފަހު، ހަވީރު 6:00 ގެ ކުރިން ދާއިމީ ނަތީޖާ އިއުލާންކުރާނެ ކަމަށް ޕީއެންސީގެ އިންތިޚާބީ ކޮމިޓީން މައުލޫމާތުދެއެވެ.

ޕީއެންސީގެ މަގާމުތަކަށް އިންތިޚާބުވާ ފަރާތްތަކާއެކު މިރޭ ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top