ދިވެހިރާއްޖެ އިސްލާމީ ހިދާޔަތުގެ އަލިކަމަށް ވާސިލުވިތާ 900 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން، އެއް އަހަރު ދުވަހުގެ މުއްދަތަށް ބޭނުންކުރާނެ ރަސްމީ ލޯގޯއާއި ޝިޢާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާހު ކޮށްދެއްވައިފި އެވެ.
މި ތާރީޚީ މުނާސަބަތަށް ޚާއްޞަކޮށްގެން ބޭއްވި ރަސްމިއްޔާތުގައި އިފްތިތާޙްކުރި ޝިޢާރަކީ ”އިސްލާމީ ނޫރުގައި 9 ޤަރުނު – ދިވެހީންގެ ނަސީބާއި އުފާ“އެވެ.
މިއަހަރުގެ މި ދުވަސް ފާހަގަކުރުމުގެ ގޮތުން މުޅި އަހަރަށް ދެމިގެންދާގޮތަށް ހަރަކާތްތަކެއް ކުރިއަށްގެންދިޔުމަށް ވަނީ ނިންމާފައެވެ. އޭގެތެރޭގައި މާލެ ސަރަޙައްދަށް ޚާއްސަ ހަރަކާތްތަކާއި، އަތޮޅުތަކަށް ޚާއްސަ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށްވެސް ނިންމާފައިވެއެވެ. ގާތްގަނޑަކަށް 15 ވަރަަކަށް ހަރަކާތް ކުރިއަށްގެންދިޔުމަށް ރާވާފައިވާއިރު މި ހަރަކާތްތަކަކީ ހުރިހާ އުމުރުފުރާގެ ފަރާތްތަކަށްވެސް ބައިވެރިވެވޭގޮތަށް ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.
ހަރަކާތްތަކުގެ ތެރޭގައި، ބައިނަލްއަޤްވާމީ އިސްލާމީ ވިޔަފާރި މައުރަޒަކާއި، ޤައުމީ ޤުރުއާން ފެސްޓިވަލެއްގެ އިތުރުން ޢިލްމީ ސުވާލު މުބާރާތްތައް ހިމެނެއެވެ. އަދި ކުޅިވަރުގެ ރޫޙު އާލާކުރުމަށް ‘އިސްލާމިކް ސޮލިޑަރިޓީ ގޭމްސް’ އާއި، ފަންނުވެރިކަން ކުރިއެރުވުމަށް ކެލިގްރަފީ އަދި އިސްލާމީ ފިލްމު ފެސްޓިވަލެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ޒުވާނުންނަށް ޚާއްޞަކޮށްގެން ދީނީ ތަރުބިއްޔަތާއި އަޚްލާޤު އުނގަންނައިދޭ ކޭމްޕެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.
ތާރީޚީ ތަރިކަ ދިރުވައި އާލާކުރުމުގެ ގޮތުން، ރާއްޖޭގެ އިސްލާމީ ތާރީޚު ދައްކުވައިދޭ މިއުޒިއަމް ގެލެރީއެއް ތަރައްޤީކުރުމާއި، ދިވެހި އިސްލާމީ ފަރުމާތަކަށް ޢިމާރާތްކުރުމުގެ މުބާރާތެއް ބޭއްވުމުގެ އިތުރުން، ހިރިގަލު މިސްކިތްތަކުގެ ފަންނުވެރިކަން ހިމެނޭ “ދިވެހި އިސްލާމީ ބިނާތައް” ފޮތް ޝާއިޢުކުރުންވެސް މި ހަރަކާތްތަކުގެ ތެރޭގައި ހިމެނެއެވެ. އަދި އަތޮޅުތެރޭގައި ދީނީ މަހާސިންތާތަކެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި ހަރަކާތްތަކަކީ ރާއްޖެއާއި ބައިނަލްއަޤްވާމީ ދުނިޔޭގެ ޝައުޤުވެރިކަން ލިބޭނެ ފަދަ މުހިންމު ކަންކަމެވެ.
މި ހުރިހާ ހަރަކާތްތަކެއްގެ މައިގަނޑު މަޤްޞަދަކީ ދިވެހިންގެ މުއްސަނދި އިސްލާމީ ތަރިކަ ރައްކާތެރިކޮށް، އިސްލާމީ އުންމަތާ އޮތް ގުޅުން ބަދަހިކުރުމާއެކު، އަންނަން އޮތް ޖީލުތަކުގެ ހިތްތަކުގައި އިސްލާމީ ޢަޤީދާއާއި ޤައުމީ އެއްބައިވަންތަކަން އިތުރަށް ހަރުދަނާކުރުމެވެ.







