ރިސޯޓު ހެދުމަށް ބ. އަތޮޅުން 10 ހެކްޓަރުގެ ރަށެއް ވިއްކަނީ 5.5މިލިއަން ޑޮލަރަށް

amilla-fushi-ocean-lagoon-h.jpg

ބ.އަތޮޅުގައި ހިންގާ އަމިއްލަފުށި ރިސޯޓް

ރިސޯޓްހެދުމަށް ރާއްޖޭގެ ފަޅުތަކާއި ރަށްތައް ބިޑަކާ ނުލައި ވިއްކާގޮތަށް ގާނޫނު ފާސްކުރުމާއި ގުޅިގެން ބ. އަތޮޅުން 10 ހެކްޓަރުގެ ރަށެއް ވިއްކުމަށް ހަމަޖެހިފައިވަނީ 5.5 މިލިއަން ޑޮލަރަށް ކަމުގައި މިނިސްޓްރީ އޮފް ޓޫރިޒަމުން ބުނެފިއެވެ. މިނިސްޓްރިއޮފް ޓޫރިޒަމް އިން މިކަމާއި ގުޅިގެން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުން ބ، އަތޮޅާއެކު ޅ، އަދި އދ، އަތޮޅުންވެސް  10ހެކްޓަރުގެ ރަށެއް ގަންނަން ލިބެނީ 5.5މިލިއަން ޑޮލަރަށެވެ.

މި އިއުލާނުގައިވާ ގޮތުން  ރިސޯޓް ހެދުމަށް ވިއްކާ ފަޅުތަކާއި ފަޅު ރަށްތަކުގެ ތެރެއިން އެންމެ އަގުބޮޑުކޮށް ވިއްކަނީ މާލެ އަތޮޅާއި އަރިިއަތޮޅު ދެކުނުބުރީގެ ރަށްތަކާއި ފަޅުތަކެވެ.  މާލެ އަތޮޅުން 10 ހެކްޓަރުގެ ރަށެއް 6.6 މިލިއަން ޑޮލަރަށް ވިއްކާއިރު އަރިއަތޮޅު ދެކުނުބުރީގެ ރަށެއް ވިއްކަން ހަމަޖައްސާފައިވަނީ ވަނީ 5.7 މިލިއަން ޑޮލަރަށެވެ. އަދި މާލެ އަތޮޅުން 500،000 ޑޮލަރަށް ފަޅެއް ވިއްކާއިރު އދ. އަތޮޅާއި އއ. އަތޮޅުން ފަޅެއް ވިއްކުމަށް ހަމަޖައްސާފައިވަނީ ހެކްޓަރެއް 450،000 ޑޮލަރަށެވެ.

ރާއްޖޭގެ ތ. އަތޮޅުން 10 ހެކްޓަރުގެ ރަށެއް 2.7 މިލިއަން ޑޮލަރަށް ވިއްކުމަށް ހަމަޖެހިފައިވާއިރު އިއުލާނުގައި ބުނަނީ ދ. އަތޮޅުން 3.3 މިލިއަން ޑޮލަރަށް، ނ. އަތޮޅާއި ފ. އަދި މ. އަތޮޅުން ރަށެއް ލިބެނީ 3.8 މިލިއަން ޑޮލަރަށް ކަމުގައެވެ. ރ. އަތޮޅާއި ވ. އަތޮޅުން ރަށެއް 4.9 މިލިއަން ޑޮލަރަށެވެ.

މި އިއުލާނުގައިވާ ގޮތުން 15 ހެކްޓަރާ 50 ހެކްޓަރާ ދެމެދުގެ ތަފާތު ހަތަރު ސައިޒެއްގެ ފަޅު ވެސް ވިއްކުމަށް ހަމަޖެހިފައިވެ އެވެ.  އެގޮތުން މާލެ އަތޮޅުން 15 ހެކްޓަރުގެ ފަޅެއް 20 މިލިއަން ޑޮލަރަށް ވިއްކާއިރު 25 ހެކްޓަރުގެ ފަޅެއް 30.8 މިލިއަން ޑޮލަރަށް، 35 ހެކްޓަރުގެ ފަޅެއް 41 މިލިއަން ޑޮލަރަށް އަދި 50 ހެކްޓަރުގެ ފަޅެއް 51.2 މިލިއަން ޑޮލަރަށް ގަންނަން ލިބެ އެވެ.

ފަޅުތައް ވިއްކާ ރޭޓްތަކަށް ބަލާއިރު ހއ، ހދ، ގއ، ގދ، ޏ، އަދި ސ އަތޮޅުން ފަޅެއް ވިއްކުމަށް ހަމަޖެހިފައިވަނީ ހެކްޓަރެއް 150،000 ޑޮލަރަށެވެ. ށ. އަތޮޅުން ފަޅެއް ގަންނައިރު ޕްރީމިއަމްގެ ގޮތުގައި 100،000 ޑޮލަރު ދައްކަން ޖެހެ އެވެ.

ބީލަމަކާ ނުލައި ރަށްތައް ވިއްކާ އަގުތައް އިއުލާންކޮށްފައި މިވަނީ  ޓޫރިޒަމާ ބެހޭ ގާނޫނަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހްމަދު ނިހާން ހުށަހެޅުއްވި އިސްލާހު މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހު މަޖިލީހުން ފާސްކޮށްފައިވަނިކޮށް  ޖުލައި މަހުގެ 10 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން ތަސްދީގުކުރެއްވި ފަހުންނެވެ. މި އިސްލާހުގައިވާ ގޮތުން ބީލަމަށް ނުލައި ކުއްޔަށް ދޫކުރާ ރަށްތަކުގެ ތެރެއިން ކޮންމެ އަހަރަކު ކުއްޔަށް ދޫކުރަން ބޭނުންވާ ރަށްތަކާއި ފަޅުތަކާއި ބިމާ ބެހޭ މައުލޫމާތު ހިމެނޭ ލިސްޓެއް ރައީސް އޮފީހުގެ މަޝްވަރާގެ މަތިން ޓޫރިޒަމް މިނިސްޓްރީން ކޮންމެ އަހަރެއް ފެށުމާއެކު ގެޒެޓްގައި އިއުލާންކުރަން ޖެހެ އެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top