މި މަހުގެ 15 އިން ފެށިގެން ވިސާއާ ނުލައި ދިވެހިންނަށް ތައިލެންޑްގައި ތިބެވޭނީ 30 ދުވަހު ކަމަށް ހާރިޖީ ވުޒާރާއިން މިއަދު ވިދާޅުވެއްޖެއެވެ.
ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ތައިލެންޑްގެ ސަރުކާރުން އެ ގައުމުގެ ވިސާ ޕޮލިސީ އަށް ގެނައި ބަދަލުތައް އޮގަސްޓް 31 ގައި ރަސްމީކޮށް ގެޒެޓްކުރުމާ ގުޅިގެން، މި ސެޕްޓެމްބަރު މަހުގެ 15 އިން ފެށިގެން އެ ބަދަލުތަކަށް އަމަލު ކުރަން ފަށާނެ ކަމަށެެވެ.
އަދި ތައިލެންޑްގެ ވިސާ އަށް މިގެނައި ބަދަލާ ގުޅިގެން ސެޕްޓެމްބަރު 15 އިން ފެށިގެން އެ ގައުމަށް ޒިޔާރަތްކުރާ ދިވެހި ފަތުރުވެރިންނަށް ވިސާއާ ނުލައި، އެ ގައުމުގައި 30 ދުވަހުގެ މުއްދަތަށް ތިބެވޭނެ ކަަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
މި އަހަރުގެ މެއި މަހުގެ ތެރޭގައި ތައިލޭންޑް ސަރުކާރުގެ ކެބިނެޓުން ވަނީ އެ ގައުމުގެ ވިސާ ޕޮލިސީއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، 93 ޤައުމެއްގެ ފަތުރުވެރިންނަށް ވިސާއާ ނުލައި ތިބެވޭ މުއްދަތު 60 ދުވަހަށްވުރެ ކުޑަކުރުމަށް ނިންމާފައެވެ. އެ ނިންމުމުގައި ދިވެހިރާއްޖެ ހިމެނިފައިވަނީ ވިސާއާ ނުލައި ތައިލޭންޑަށް ޒިޔާރަތްކޮށް ތިބުމަށް އެންމެ 15 ދުވަސް ދޭ ގައުމުތަކުގެ ލިސްޓުގައެވެ. ނަމަވެސް ޖޫން 29ގައި ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ތައިލޭންޑް ގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި މިނިސްޓަރު އޮފް ފޮރިން އެފެއާޒް ސީހާސަކް ފޫވަންގްގެޓްގޭއޯ އާ ފޯނުން ގުޅުއްވައި، މިކަމާގުޅޭގޮތުން ވާހަކަފުޅު ދެއްކެވި ކަމަށްވެސް އެ ވުޒާާރާއިން ވިދާޅުވިއެވެ.
ދެ ވަޒީރުންގެ ވާހަކަފުޅަށްފަހު، ޖުލައި މަހުގެ 14 ގައި ވިސާ ޕޮލިސީ އަނެއްކާ ވެސް މުރާޖާކޮށް އާންމުކުރި ނިންމުމުގައި، ތައިލޭންޑް އަށް ވިސާ އާ ނުލައި ދިވެހީންނަށް ދަތުރުކުރެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްދީފައިވާ ކަމަަށް ހާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.





