ބ.އޭދަފުށީގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ހިންގަމުން އައި ސޭލްސް ސެންޓަރު، ޒަމާނީ ފެންވަރަށް ތަރައްގީކޮށް އެބޭންކުގެ ބ.އަތޮޅު ބްރާންޗްގެ ގޮތުގައި ހުޅުވައިފި އެވެ. އެއާއެކު އަތޮޅުގެ ކެންދުއާއި ގޮއިދޫ އަދި ތުޅާދޫގގައި 24ގަޑިއިރު ޚިދުމަތް ލިބޭ އޭޓީއެމްގެ ޚިދުމަތްވެސް ވަނީ ފަށާފަ އެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކް، އޭދަފުށީގެ ބްރާންޗު ރަސްމީކޮށް ހުޅުއްވައިދެއްވީ ފައިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ. މި ރަސްމިއްޔާތުގައި އޭދަފުށީ ކައުންސިލްގެ މެންބަރުންނާއި، އެމްއައިބީގެ އިސްވެރިން ކަމަށްވާ ޑެޕިއުޓީ ސީއީއޯ އަހުމަދު ރިޒާއާއި، ހެޑް އޮފް ޑިސްޓްރިބިއުޝަން އިބްރާހީމް ޝުހައިލް އަދި ޗީފް އެކްސްޕީރިއަންސް އޮފިސަރު ނީރައިން ޖަލީލު ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއައިބީން ބުނީ އޭދަފުށީގައި ހުޅުވި އާ ބްރާންޗަކީ މީގެ ކުރިން އޭދަފުށީގައި ހިންގަމުން އައި އެމްއައިބީގެ ސޭލްސް ސެންޓަރު އަޕްގްރޭޑްކޮށް، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ ފުރިހަމަ ބޭންކިން ހިދުމަތްތަކާއި، އެކައުންޓް ހުޅުވުމާއި، ފައިނޭންސިން ހައްލުތަކުގެ އިތުރުން އެހެނިހެން އަސާސީ ބޭންކިން ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެހެން ތަރައްގީކޮށްފައިވާ ބްރާންޗެއް ކަމަށެވެ.
އެ ބްރާންޗާއެކު ގާއިމްކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް ދިވެހި ރުފިޔާގެ އިތުރުން އެމެރިކާ ޑޮލަރު ޖަމާކުރުމާއި ނެގުމުގެ ހިދުމަތް ކޮންމެ ވަގުތެއްގައި ވެސް އެމްއައިބީގެ ކަސްޓަމަރުންނަށް ލިބޭނެ އެވެ.
އެމްއައިބީން ބ.އަތޮޅުގައި އޭޓީއެމްގެ ހިދުމަތްތައް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު ހަސަން ޒަރީރެވެ.
އަލަށް ބޭނުންކުރަން ފެށި އެ އޭޓީއެމްތައް މެދުވެރިކޮށް 24 ގަޑިއިރު މާލީ އަސާސީ ހިދުމަތްތައް ބ. އަތޮޅުގެ ރައްޔިތުންނަށް ލިބޭނެ ކަމަށް އެމްއައިބީ އިން ބުންޏެވެ. އެގޮތުން ކޮންމެ ވަގުތެއްގައި ވެސް ދިވެހި ރުފިޔާ ޖަމާކުރުމާއި ފައިސާ ނެގުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
އެމްއައިބީން ބުނީ ބ. އަތޮޅުގައި އޭޓީއެމް ނެޓްވޯކް ފުޅާކުރުމުގެ ބޭނުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭންކުގެ ހިދުމަތްތައް ވަރުގަދަކޮށް، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އަސާސީ ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.





