”މައިންބަފައިންނަށް އިހުސާންތެރިވުމަކީ އިންސާނާއަށް ކުރައްވާފައިވާ ވަޞިއްޔަތެއް، ސުވަރުގެއަށް ވަނުމުގެ ދޮރެއް“

3410.webp

މައިންބަފައިންނަށް އިޙުސާންތެރިވުމަކީ الله ސުބްޙާނަހޫ ވަތަޢާލާ އިންސާނާއަށް ކުރައްވާފައިވާ ވަޞިއްޔަތެއް ކަމާއި އެއީ ޢުމުރުގައި ބަރަކާތް ލެއްވޭ ސުވަރުގެއަށް ވަނުމުގެ ދޮރެއް ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

ޚުތުބާގައި އަލިއަޅުވާލާފައިވަނީ، މައިންބަފައިންނަށް ހެޔޮކޮށް ހިތުމާއި މިސްކިތުގެ ޙުރުމަތް ހިފެހެއްޓުމާއި ވިޔަފާރީގައި ތެދުވެރިވުމާއި ނިކަމެތިންނަށް އެހީތެރިވުން ފަދަ ކަންކަމަށް ބާރު އަޅައި މުޖުތަމަޢު އިޞްލާޙުކުރުމުގެ ޒިންމާ އަދާކުރުމުގެ މައްޗަށެވެ.

ޚުޠުބާގައި ފާހަގަކޮށްފައިވާ ގޮތުގައި ދިވެހީންނަކީ ޒަމާނުއްސުރެ މާތް الله ގެ ދީން ޤަބޫލުކޮށް އަމާންކަމާއި އަޚުވަންތަކަމުގައި ދިރިއުޅެމުން އައި ބައެއް ކަމަށާއި ނަމަވެސް ފަހުގެ ތާރީޚުގައި އިޖުތިމާޢީ ގޮތުންނާއި އަޚުލާޤީ ގޮތުން ކަންބޮޑުވާ ފަދަ ބޮޑެތި ބަދަލުތައް ފެންނަމުންދާ ކަމަށެވެ.

އެ ގޮތުން މައިންބަފައިންނަށް ނުކިޔަމަންތެރިވެ މުސްކުޅިވާ ދުވަހު އެ މީހުން އެކަނިވެރި ޙާލުގައި ދޫކޮށްލުމަކީ ފެތުރެމުންދާ ނޭދެވޭ ކަމެއް ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. މައިންބަފައިންނަށް އިޙުސާންތެރިވުމަކީ الله ސުބްޙާނަހޫ ވަތަޢާލާ އިންސާނާއަށް ކުރައްވާފައިވާ ވަޞިއްޔަތެއް ކަމާއި އެއީ ޢުމުރުގައި ބަރަކާތް ލެއްވޭ ސުވަރުގެއަށް ވަނުމުގެ ދޮރެއް ކަމުގައި ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.

މައިންބަފައިންގެ ހެޔޮ ދުޢާއަކީ ވަރަށް މުހިންމު ބޭނުންތެރި ހަތިޔާރެކެވެ. މަންމައާއި ބައްޕަގެ ރުހުންލިބިއްޖެ ނަމަ، އެ މީހަކަށް މެދުވެރިވާ އެތައް މުޞީބާތަކުން މާތް الله އެ މީހަކު ސަލާމަތްކުރައްވަތެވެ.

މިކަން މިހެން އޮތް ހިނދު، މިކަން ހަނދާންނައްތައިލައި، މައިންބަފައިންނަށް ނިކަމެތިކޮށްހިތައި، އެ މީހުން ހިތުގައި ޖައްސައި، ނުވަތަ އަޅައިނުލައި، ދޫކޮށްލާ މީހުުން އުޅޭކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

މިސްކިތުގެ ޙުރުމަތް ކެނޑެމުންދާ ކަމުގެ ކަންބޮޑުވުން ވެސް ޚުޠުބާގައި ފާޅުކޮށްފައިވެއެވެ. ނަމާދުކޮށް ނިމިގެން މިސްކިތް ދޮށުގައި ތިބެ ޣީބަ ބުނުމާއި ނެތިމޮށުމާއި ޒުވާބުކުރުމާއި ދޮގު ފެތުރުން ފަދަ ޢަމަލުތައް ކުރާ ބަޔަކު ތިބި ކަމަށާއި އެ ފަދަ މީހުން ނަމާދުން ލިބުނު ޘަވާބާއި ދަރުމަ އަމިއްލައަށް ނަގައިލާ ކަމަށް ބުނެފައިވެއެވެ.

ހަމައެހެންމެ ވިޔަފާރީގައި މަކަރާއި ޙީލަތް ހެދުމާއި ޒަކާތް ނުދައްކައި މުދާ ޚަޒާނާ ކުރުމާއި ޙަރާމް ގޮތުގައި ފައިސާ ހޯދައިގެން ދިރިއުޅުން ބިނާކުރާ ފަރާތްތައް މުޖުތަމަޢުގައި ތިބި ކަމަށް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ގޮތުން ޙަރާމް އެއްޗެއް ކައިގެން ހެދިބޮޑުވާ ހަށިގަނޑަކީ ނަރަކަ ވާޖިބުވެފައިވާ ހަށިގަނޑެއް ކަމަށް ވެސް ޚުޠުބާގައި ހަނދާންކޮށްދީފައިވެއެވެ.

މުސްލިމުން އެއް ބަޔަކު އަނެއް ބަޔަކާ މެދު ޢަމަލު ބެހެއްޓުމާ ގުޅޭ ގޮތުން ކީރިތި ރަސޫލާ ﷺ ގެ ޙަދީޘް ބަސްފުޅެއްގެ މާނަ ޚުޠުބާގައި ގެނެސްދީފައިވެއެވެ.

“ތިޔަބައިމީހުން އެކަކު އަނެކަކަށް ޙަސަދަވެރިނުވާށެވެ! އެކަކު އަނެކަކު ދެކެ ރުޅިނާންނާށެވެ! އެކަކު އަނެކަކަށް ފުރަގަސްނުދޭށެވެ! އެއިލާހުގެ އަޅުންގެ ގޮތުގައި އަޚުންތަކެއްކަމުގައި ވާށެވެ! އެއް މުސްލިމަކީ އަނެއް މުސްލިމާގެ އަޚާއެވެ! ފަހެ އޭނާ އޭނާގެ އަޚާއަށް އަނިޔާވެރިއެއް ނުވާނެއެވެ. އޭނާ އޭނާގެ އަޚާއަށް ނަޞްރުވެރިވެ އަޅާނުލައި ދޫކޮށެއް ވެސް ނުލާނެއެވެ. އޭނާ އޭނާގެ އަޚާ ނިކަމެއްޗެއް ވެސް ނުކުރާނެއެވެ. އެއް މުސްލިމެއްގެ ލެއާއި (އެބަހީ: ފުރާނައާއި) މުދަލާއި އަބުރު އަނެއް މުސްލިމެއްގެ މައްޗަށް ޙަރާމްވެގެންވެއެވެ.”

ޚުޠުބާގައި ވަނީ ކުޑަކުދީންގެ ހިޔާތަކުގައި ތިބި ޔަތީމު ކުދީންނާއި ބެލެނިވެރީންގެ އެހީތެރިކަން ނުލިބޭ ކުދީންނާއި ލޭ އަޅާ ކުދީން ފަދަ ނިކަމެތި ހާލުގައި ތިބި ފަރާތްތަކަށް އޯގާތެރިވެ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ގޮވައިލައިފައެވެ. ދެ އަހަރުން ދަށުގެ ތުއްތު ކުދީން ވެސް އެ މަރުކަޒުތަކުގައި ތިބި ކަން ފާހަގަކޮށް އެ ކުދީންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދިނުމަކީ ވަރަށް މަތިވެރި ޘަވާބާއި ދަރުމަ ހުރި ޢަމަލެއް ކަމަށް ބުނެފައިވެއެވެ.

މާތް الله ނުރުއްސަވާ ކަންކަން ގިނަވެ ފާޙިޝް ޢަމަލުތައް ޢާންމުވެއްޖެ ނަމަ މުޖުތަމަޢު ފަސާދަވެ ފަނާވެ ހިނގައިދާނެ ކަމުގެ އިންޒާރު ވެސް ޚުޠުބާގައި ދީފައިވެއެވެ. އެ ހުރިހާ ކަމެއް ޙައްލުކުރެވޭނީ ކޮންމެ ފަރުދެއް ވެސް އަމިއްލަ ޢަމަލުތައް ސީދާކޮށް މުޅި މުޖުތަމަޢު ރައްކާތެރިކުރުމުގެ ވާޖިބު އަދާކޮށްގެން ކަމަށް ޚުޠުބާގައި ބާރު އަޅައިފައިވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top