ރާއްޖެއަށް އާ ޕާސްޕޯޓު ސްޓޮކެއް ލިބުމަށް އަދި މަހެއްހާ ދުވަސް ނަގާނެތީ، މުއްދަތު ހަމަވާ ޕާސްޕޯޓުތަކުގެ މުއްދަތު އިތުރުކޮށްދިނުމަށް އިމިގްރޭޝަނުން ރޭ ނިންމައިފިއެވެ.
އިމިގްރޭޝަނުން ނެރުނު އިއުލާނެއްގައި ވަނީ، ދިވެހި ޕާސްޕޯޓު ބުކްލެޓު ފޮނުވަން ނިންމާފައިވާ ތާރީޚަށް އެ ޚިދުމަތް ފޯރުކޮށް ދެވެން ނެތް ކަމަށް ޖަރުމަނުގެ ކުންފުނިން އަންގާފައިވާ ކަމަށެވެ. އެއީ، އެ ކުންފުނީގެ ޕްރިންޓް ހައުސްއަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި، ޕާސްޕޯޓްގެ އާ ސްޓޮކު ލިބޭނީ، އަންނަ މަހުގެ ފަހުކޮޅެވެ.
އެހެންވެ، އިމިގްރޭޝަނުން ވަނީ ޕާސްޕޯޓުތައް ދޫކުރުމުގައި ބައެއް ބަދަލުތައް ގެނެސްފައެވެ.
މި ގޮތުން ޕާސްޕޯޓަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ރާއްޖޭގައި ހުރެގެން ޕާސްޕޯޓު މުއްދަތު ހަމަވެގެން އާ ޕާސްޕޯޓެއް ހެދުމަށް އެދި ހުށަހަޅާ ފަރާތްތަކަށް އާ ޕާސްޕޯޓެއް ދޫކުރުމުގެ ބަދަލުގައި، އެފަދަ ފަރާތްތަކަށް މިހާރު ދޫކޮށްފައިވާ މުއްދަތު ހަމަވެފައިވާ ނުވަތަ މުއްދަތު ހަމަވާ ޕާސްޕޯޓުގެ މުއްދަތު ޖޫން 30، 2027 ގެ ނިޔަލަށް އިތުރުކޮށްދިނުމަށް ނިންމާފައިވާ ކަމަށާއި މިއީ އެއްވެސް ފީ އަކާ ނުލައި ފޯރުކޮށްދެވޭނެ ހިދުމަތެއް ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.
މީގެއިތުރުން، އަލަށް ޕާސްޕޯޓު ހައްދާ ފަރާތްތަކުގެ ތެރެއިން ދިވެހިން އާއްމުކޮށް ދަތުރުކުރާ ގައުމުތަކުގެ ތެރެއިން އިންޑިއާ، ސްރީލަންކާ ފަދަ ގައުމުތަކަށް ކުރު މުއްދަތަކަށް ދަތުރުކުރާ ފަރާތްތަކަށް “އިމަޖެންސީ ޕާސްޕޯޓު” ދޫކުރުމަށް ވަނީ ނިންމާފަ އެވެ.
އިމަޖެންސީ ޕާސްޕޯޓަކީ ވެސް އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކާ އެއްގޮތް، އެއް އަހަރު ދުވަހުގެ މުއްދަތަށް ދޫކުރެވޭ މެޝިން ރީޑަބަލް އަށް ޕާސްޕޯޓެކެވެ. “އިމަޖެންސީ ޕާސްޕޯޓު” ގެ ހިދުމަތަކީ ވެސް އެއްވެސް ފީ އަކާ ނުލައި ފޯރުކޮށްދެވޭނެ ހިދުމަތެއް ކަމަށް އިމިގްރޭޝަނުން ބުނެފައިވެ އެވެ.
އިމިގްރޭޝަނުން ވަނީ، މި ބަދަލުތަކާ އެކުވެސް، ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހީންނަށް އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެކަމުގެ ޔަގީންކަން ދީފައެވެ.
މިދިޔަ މޭ މަހުގެ ނުވަވަނަ ދުވަހުން ފެށިގެން އީ-ޕާސްޕޯޓު ދޫކުރުން ވެސް އިމިގްރޭޝަނުން މެދުކަނޑާލިއެވެ. އޭރު އިމިގްރޭޝަނުން ބުނީ އެކަން މެދުކަނޑާލާފައިވަނީ ޕާސްޕޯޓު ޕްރިންޓުކުރުމަށް ބޭނުންކުރާ ބުކްލެޓުގެ ސްޓޮކް ރާއްޖެއަށް ގެނައުމުގައި ދިމާވި ލަސްތަކަކާ ގުޅިގެން ކަމަށެވެ.





