ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރަމުން އަންނަ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުން މަސްދޯނިފަހަރަށް, 17 ރުފިޔާއަށް ލިޓަރެއްގެ މަގުން ޑީސަލް ވިއްކަން މިއަދު ފަށައިފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި، މިއަދުން ފެށިގެން މި އަގުގައި ތެޔޮ ލިބޭނީ މަސްވެރިކަން ކުރުމަށް ރަޖިސްޓަރީކޮށްފައިވާ އުޅަނދުތަކަށެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ދަ ހޯކްސްގެ 21 ފިއުލް ސްޓޭޝަނެއް ހުންނައިރު، އެ ހުރިހާ ތަނަކުން ވެސް މަސްދޯނިފަހަރަށް އެއް އަގެއްގައި ޑީސަލް ލިބޭނެކަން އެ ކުންފުނިން ބުނެއެވެ.
ދަ ހޯކްސް އިން ބުނި ގޮތުގައި، މި ސްޓޭޝަންތަކުން ޑީސަލް ގަންނަން ދާއިރު، އުޅަނދު ރަޖިސްޓަރީކޮށްފައިވާ ކަމުގެ ސައްހަ ލިޔެކިޔުން މަސްވެރިން ގެންދަން ޖެހޭނެއެވެ.





