”ކަންކަން އިސްލާހުކުރަން ވާހަކަ ދައްކަންޖެހޭނީ ހަގީގަތަށް“

img_md_202608270605291787792729.3065.jpg

ދެމެހެއްޓެނިވި އަދި މާނަހުރި ގޮތެއްގައި ގައުމުގެ ކަންކަން އިސްލާހު ކުރާކަމަށްވަންޏާ، ވާހަކަ ދެކެވެންޖެހޭނީ ކަންކަމުގެ ހަގީގަތަށް ކަމަށާއި، ގައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު އެކަންކަމާ ކުރިމަތިލައިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އިން ގެނެސްދޭ ސިލްސިލާ ޕޮޑްކާސްޓް “ނޭޝަންޗެޓް”ގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) އިން ގެނެސްދޭ ސިލްސިލާ ޕޮޑްކާސްޓް “ނޭޝަންޗެޓް”ގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، މި ދުވަސްވަރު ގައުމުގައި ހިނގަމުންދާ ކަންކަމަށް ތަފްސީލީ ގޮތެއްގައި އަލިއަޅުއްވާލައްވާފައެވެ.

ރައީސް ވިދާޅުވީ، އިގުތިޞާދު ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، އޭގެ ތެރޭގައި ޑޮލަރާ ގުޅޭ ސިޔާސަތުތައް ވަކިގޮތްތަކަކަށް ބައްޓަންކުރުމާއި ކުރިން ގާނޫނުގައި އޮވެ ތަންފީޒުނުކުރެވި ހުރި ކަންކަން ހަރުދަނާ އުސޫލެއްގެ ދަށުން ތަންފީޒުކުރުމުގެ މަސައްކަތް ހިމެނޭކަމަށެވެ.

ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކާއި ގާނޫނުތަކަށް ގެންނަ އިސްލާހުތަކަކީ ވެސް ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް ގެންނަ ބަދަލުތަކެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިއީ ތައުލީމީ އަދި ފަންނީ ތަޖުރިބާކާރުންގެ ޓީމުތަކުން، ގިނަ ދުވަސްތަކެއް ވަންދެން ކުރާ މަޝްވަރާތަކާއި ޓެކްނިކަލް ދިރާސާތަކަށް ފަހު، ހަރުދަނާ އުސޫލުތަކުގެ ތެރެއިން ނިންމާ ނިންމުންތަކެއްކަމުގައިވެސް ރައީސް ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ އަމާޒަކީ އިގުތިސާދު ފުޅާކުރުން ކަމަށާއި، ކުރިއެރުމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި ބޭރު ފައިސާގެ މައްސަލަތައް ހައްލުކުރުމަށް އަޅުއްވާ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ ކަމަށާއި، ސިޔާސީ ގޮތުން ވާހަކަތަކެއް ދެކެވުނުކަމުގައިވީނަމަވެސް، ޖުމްލަ ނަތީޖާ ރަނގަޅުވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ތިލަމާލެ ބްރިޖުގެ މަޝްރޫޢު ކުރިއަށްދާގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ތިލަމާލެ ބްރިޖުގެ ފެންވަރާމެދު ދެކެވޭ ވާހަކަތަކަށް އިޝާރާތްކުރައްވަމުން، އެ މަޝްރޫޢުގެ ކޮލިޓީ ކަށަވަރުކުރަނީ ސިނަމާލެ ބްރިޖުގެ މަސައްކަތްވެސް ބެލެހެއްޓި ދުނިޔޭގެ މަޝްހޫރު ‘އާރޮޕް’ ކުންފުނިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މާލެއާއި ވިލިމާލެ މިހާރު ގުޅާލެވިފައިވާއިރު، އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަފުއްޓާ ހަމައަށް މުޅި ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ނޭޝަންޗެޓް” ޕޮޑްކާސްޓުގައި ރައީސް ރޭ ދެއްކެވި ވާހަކަފުޅުގައި، އިގުތިސާދީ އަދި އުމްރާނީ ތަރައްގީގެ ކަންކަން ކުރިއަށްގެންދެވުމުގައި އެމަނިކުފާނުގެ ސަރުކާރުން އަމަލުކުރާ އުސޫލުތައް ތަފްސީލުކޮށްދެއްވިއެވެ. އިގުތިސާދީ އިސްލާހުތަކާއި، ތިލަމާލެ ބްރިޖު ފަދަ ބޮޑެތި މަޝްރޫޢުތަކުގެ ފެންވަރު ކަށަވަރުކުރުމުގެ އިތުރުން، އިންޖިނިއަރިން ފަދަ މުހިންމު ދާއިރާތަކުން ދިވެހިން ތަމްރީނުކުރަން އިސްކަންދިނުމަކީ ގައުމުގެ މުސްތަގުބަލު ހަރުދަނާ ބިންގަލެއްގެ މައްޗަށް ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ ދުރުވިސްނުން ރަމްޒުކޮށްދޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top