ﷲ އަކްބަރު އެއީ އަނިޔާވެރިކޮށް މީހަކު މަރާލާ ކޮންމެ ފަހަރަކު ކިޔަން އޮންނަ ތަކްބީރެއް ނޫންކަމާއި އެއީ އެއަށްވުރެ މާ މާތް ކަލިމަފުޅެއްކަމަށް ސައޫދީ ޕްރިންސަސް އަމީރާ އަލްތަވީލް ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ހައްދުފަހަނަޅާފައިވާ ފަރާތްތަކުން އެކި އެކި ޓެރަރިސްޓް ހަމަލާތައް ދޭއިރު “ﷲ އަކުބަރު” އޭ ކިޔާ ގޮވަމުންދާތީ، އެކަމުގެ ސަބަބުން އިސްލާމް ދީނުގެ ނަމަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާމެދު ހިތްހަމަ ޖެހިވަޑައިނުގެން ހުންނަވައިގެން، މިއަހަރުގެ އަރަބި މީޑިއާ ފޯރަމް ގައި ވީޑިއޯ މެދުވެރިކޮށް ވާހަކަ ދައްކަވަމުންނެވެ.
އެކަމަނާ ވިދާޅުވީ އަހަރެއްގެ މައްޗަށް 79 މިލިޔަން ފަހަރު، ސާރޗް އިންޖީނުތައް މެދުވެރިކޮށް މީހުން “ﷲ އަކުބަރު” މި ލަފްޒު ސާރޗްކުރާ ކަމަށާ އޭގެ އިތުރުން، ޓްވިޓަރ އިން ކުރި ދިރާސާއެއް ދައްކާގޮތުން ޓްވިޓަރގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން އިސްލާމް ދީނާމެދު ނުސީދާ ގޮތަކަށް ދެކެނީ 12 އިންސައްތަ މީހުންކަމުގައެވެ.
މިމޭރުމުން ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވީ މުސްލިމުން “ﷲ އަކުބަރު” ކިޔަމުން ދަނީ ކޮންމެ އިހުތިފާލެއްގައާއި ކޮންމެ ދުޢާއެއްގައެވެ. އަދި ކޮންމެ ޒީނަތްތެރިކަމެއްގައާއި ކޮންމެ އުފަލެއްގައާއި ﷲއަށް ވަކީލުކުރުމަށް އެދޭ ކޮންމެ ހާލަތެއްގައެވެ.
އެކަމަނާގެ ވާހަކައިގާ ހައްދުފަހަނަޅާފައިވާ ފަރާތްތަކުން އިސްލާމް ދީނުގެ ނަމުގައި ހިންގާ ޖަރީމާތަކުގެ ސަބަބުން ދީނަށާއި އިސްލާމީ އުންމަތަށް އެކަމުގެ ނޭދެވޭ އަސަރުކުރަމުން ދާކަމުގައި ވިދާޅުވެ، އިސްލާމް ދީނުގެ ނަން ކިލަނބުކުރުމަށް މަސައްކަތް ކުރާ މީހުންގެ މައްޗަށް ކުރިހޯދައި، އިސްލާމް ދީނުގެ ހަޤީޤީ ސިފަ މީހުންނާ ހަމަޔަށް ގެނެސްދިނުމަށްޓަކައި ހަމަ ކޮންމެ މީހަކުމެ މަސައްކަތް ކުރުމަށް ގޮވާލެއްވިއެވެ.