ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ނެގުމުން ޕްރޮމޯޝަން ނުލިބި ލަސްވާ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ދައުލަތުގެ އާ ޕޭ ފްރޭމްވޯކަށް ބަދަލުވެފައިވާ ސިވިލް ސާވިސްގެ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ދިނުމުގެ އުސޫލަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މުހިންމު އިސްލާހުތަކެއް ގެނެސްފިއެވެ.
ސީއެސްސީން މިއަދު ނެރުނު ސާކިއުލާގައިވާ ގޮތުން، މުސާރައިގެ ކުރިއެރުން ދިނުމުގައި ސަމާލުކަންދޭންޖެހޭ އެހެނިހެން ކަންތައްތައް ބަޔާންކުރާ ތިން ވަނަ މާއްދާއަށް ވަނީ ހަ އިސްލާހެއް ގެނެސްފައެވެ.
އެގޮތުން، މުސާރައިގެ ކުރިއެރުން ދިނުމުގައި ވިދިވިދިގެން ދެ އަހަރު ޕާފޯމަންސް އެޕްރައިޒަލް (ޕީއޭ) އިން 85 ޕަސެންޓް މާކްސް ހޯދަން ޖެހުނު ނަމަވެސް، ވިހެއުމުގެ ޗުއްޓީ ނުވަތަ ސަސްޕެންޝަން ފަދަ ދިގު މުއްދަތަކަށް ވަޒީފާއަށް ނުނިކުމެވޭ ހާލަތެއް މެދުވެރިވެގެން އަހަރުގެ ޕީއޭ އަށް ބަލާ 90 ދުވަސް ހަމަނުވާ ނަމަ، އެ އަހަރު ނުހިމަނައި، މެދުކެނޑުމަކަށް ފަހު ވެސް ދެ އަހަރުގެ އެޕްރައިޒަލް އިން 85 ޕަސެންޓް މާކްސް ހޯދައިފި ނަމަ ކުރިއެރުން ލިބޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
މީގެ އިތުރުން، މަސައްކަތްކުރާ އިދާރާ ބަދަލުވާއިރު އަހަރު ނިމޭއިރު އެއްވެސް އިދާރާއެއްގައި 90 ދުވަސް ހަމަނުވާ ނަމަ، ދެ އިދާރާގައި މަސައްކަތްކުރި ޖުމްލަ މުއްދަތު އެއްކޮށްލެވޭނެ ގޮތަށް ވެސް އުސޫލަށް ވަނީ ބަދަލު ގެނެސްފައެވެ.
ނަމަވެސް، މުސާރައިގެ ކުރިއެރުން ދިނުމަށް އެއްފަހަރު ބޭނުންކޮށްފައިވާ ޕީއޭއެއް ދެވަނަ ފަހަރަށް ބޭނުން ނުކުރެވޭނެ ކަމަށް ވެސް ސާކިއުލާގައި ބަޔާންކޮށްފައިވެއެވެ.
މި އުސޫލަށް ބަދަލު ގެނެސްފައި މިވަނީ، ވިހެއުމުގެ ޗުއްޓީ ނެގުމުން 90 ދުވަސް ހަމަނުވެ، ސްޓެޕް ޕްރޮމޯޝަން ލިބުމުގައި ދަތިތަކާ ކުރިމަތިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވަނިކޮށެވެ.
މަރިޔަމް ޝިފާނާ ހުސެއިން އިސްވެ ހުށަހެޅި މި ޕެޓިޝަންގައި 1،300 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާއިރު، މި މި ޕެޓިޝަނުގެ ސަބަބު ބަޔާންކޮށް ބުނެފައިވަނީ މި ޗުއްޓީއަކީ އަންހެނުން ބާރުވެރި ކުރުވުމާއި އާއިލީ ދުޅަހެޔޮކަމަށް ދެވޭ ވަރަށް މުހިއްމު ޗުއްޓީއެއް ނަމަވެސް، މިފަދައިން މެދުވެރިވާ ނަމަ މި ޗުއްޓީގެ ފުރިހަމަ މަގްސަދު ހާސިލް ކުރުމަށް ގޮންޖެހުންތައް ކުރިމަތިވެ މަސައްކަތުގެ މާހައުލުގައި އުޅޭ މައިންނަށް މާޔޫސްކަން ކުރިމަތިވާނެ ކަމަށެވެ.







