ބ. އޭދަފުށީގެ ކަރަންޓު ވިއުގައަށް އިޔާދަކުރަނިވި ހަކަތަ ގުޅާލުމުގެ ގޮތުން އެ ރަށުގައި ގާއިމުކުރި 1.2 މެގަވޮޓްގެ ސޯލާ ޕީވީ އަދި 1.5 މެގަވޮޓް އަވަރގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް (ބީއީއެސްއެސް) ރަސްމީކޮށް މިއަދު އިފްތިތާޙުކޮށްފިއެވެ.
އޭދަފުށީގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ސިސްޓަމް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައި، ރަށުގެ ސެންޓްރަލް ގްރިޑާ ގުޅައިދެއްވީ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު، ޢަލީ ޝަރީފެވެ.
މި މަޝްރޫޢަކީ ރާއްޖޭގައި ކަރަންޓު އުފެއްދުމަށް ޑީސަލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، އެ ރަށުގައި ކަރަންޓުގެ ޚިދުމަތް ދޭ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ތަންފީޒުކުރި މަޝްރޫޢެކެވެ.
މި ފިޔަވަހީގެ ދަށުން ރާއްޖޭގެ ނުވަ ރަށެއްގައި ސޯލާ ސިސްޓަމް ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު، މަސައްކަތް ނިމި ޚިދުމަތް ދޭން ފެށި ފުރަތަމަ ރަށަކީ އޭދަފުށި ކަން ފާހަގަކުރެވެއެވެ.
އެރައިސް މަޝްރޫޢުގެ މި ފިޔަވަހީގެ ދަށުން ޖުމްލަ 11 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މިހާތަނަށް ރާއްޖޭގައި އެއް ސަބް-ޕްރޮޖެކްޓެއްގެ ދަށުން އެންމެ ގިނަ އަދަދަކަށް ސޯލާ ހަކަތަ އުފެއްދުމަށް ހިންގޭ އެންމެ ބޮޑު މަޝްރޫޢެވެ.
މި ނިޒާމުގެ ސަބަބުން އޭދަފުށީގައި ކަރަންޓު އުފެއްދުމަށް އަންދާ ޑީސަލްގެ މިންވަރު ވަރަށް ބޮޑަށް މަދުވެގެންދާނެއެވެ. އަދި މިއީ ތެލަށް ކުރާ ހޭދަ ކުޑަކޮށް، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދުކުރުމަށް ރާއްޖެއިން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.




