ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ބާއްވާ “ޗާލު ދިވެހިރާއްޖެ އެވޯޑް” ގެ ފުރަތަމަ ބުރުގެ ވޯޓުލުން ނިމުނުއިރު، މި އެވޯޑުގެ 6 ދާއިރާގެ ތެރެއިން 4 ދާއިރާއަކުން އެންމެ ގަދަ ފަސް ރަށުގެ ތެރޭގައި ކުޑަރިކިލު ހިމެނިއްޖެ އެވެ.
މި އެވޯޑަކީ ރަށްރަށުގެ ރައްޔިތުންގެ އިސްނެގުމާއެކު ރަށްރަށް ތަރައްޤީކުރުމަށް ކުރާ މަސައްކަތްތަކުގެ އަގުވަޒަންކުރުމަށް ދެވޭ އެވޯޑެކެވެ.
ކުޑަރިކިލު ވަނީ “ރަށު ފަތުރުވެރިކަމުގެ އެންމެ ޒިންމާދާރު ރަށް”، “ސާފުތާހިރު، އެންމެ ތިމާވެއްޓާ ރައްޓެހި ރަށް”، “ދެމެހެއްޓެނިވި ތަރައްޤީގައި އީޖާދީ ވިސްނުން ގެންގުޅޭ ރަށް” އަދި “އެންމެ އެކުވެރި މުޖުތަމަޢު” ގެ ކެޓަގަރީން ނޮމިނޭޓްވެފައެވެ.
ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ޝަކީބް ވިދާޅުވީ، މި އެވޯޑަށް 50 ރަށަކުން ކުރިމަތިލާފައިވާއިރު، ދެވަނަ ބުރަށް ހޮވިފައިވަނީ 11 އަތޮޅަކުން 14 ރަށެއް ކަމަށެވެ. މިހާރު ވަނީ ޖަޖުންގެ އިވެލުއޭޝަން ދަތުރުތައް ފަށާފައެވެ.
މި އެވޯޑުގެ ނަތީޖާ ކަނޑައެޅުމުގައި 40 އިންސައްތަ އާންމުންގެ ވޯޓަށް ބަލާއިރު، ބާކީ 60 އިންސައްތަ ދޭނީ ޖަޖުންގެ މާކްސްއަށެވެ. ޖަޖުންގެ އިވެލުއޭޝަން ދަތުރުތައް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާއިރު، އަހަރު ނިމުމުގެ ކުރިން ކުލަގަދަ ޙަފްލާއަކާއެކު ވަނަތައް އިޢުލާނުކުރުމަކީ ޕީއެސްއެމްގެ އަމާޒެކެވެ.







