ބ. ކުޑަރިކިލުގައި ބިނާކުރާ އާ މިސްކިތުގެ އަމަލީ މަސައްކަތް 15 އޮގަސްޓު 2026 ގައި ފެށިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު، ކުޑަރިކިލުގައި އިތުރު މިސްކިތެއް ބިނާކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ކުޑަރިކިލުގައި ބިނާކުރުމަށް ހަމަޖެހިފައިވަނީ 500 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށެވެ. މި މަޝްރޫއަކީ ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެއް ނަމަވެސް، މަސައްކަތް ފެށުން ލަސްވެފައިވަނީ ސަރުކާރުގެ ކުންފުނިތައް ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ ތައްޔާރީތަކެއްގެ ސަބަބުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
”ފެނަކައިން މައުލޫމާތު ދޭ ގޮތުގައި، ބ. ކުޑަރިކިލު މިސްކިތުގެ މަސައްކަތް 15 އޮގަސްޓު 2026 ގައި އަމަލީ ގޮތުން ފެށިގެންދާނެ. އަދި މި މަޝްރޫޢު އެއްކޮށް ނިންމާ ރައްޔިތުންނަށް ބޭނުން ކުރެވޭ ވަރަށް ހަވާލުކުރުމަށް ފެނަކައިން ދީފައިވަނީ 365 ދުވަހުގެ މުއްދަތެއް،“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، އަމަލީ މަސައްކަތް ފެށޭ ތާރީޚުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމައި، ކުޑަރިކިލު ރައްޔިތުންނަށް މިސްކިތުގެ ޚިދުމަތް ލިބިގެންދާނެއެވެ. އަދި މި މަޝްރޫއު އަވަހަށް ފަށައި ނިންމުމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވިއެވެ.






