ބ.އޭދަފުއްޓާއި ބ.ގޮއިދޫ މެޖިސްޓްރޭޓު ކޯޓަށް މެޖިސްޓްރޭޓުން ބޭނުންވެގެން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާން ކޮށްފިއެވެ.
އޭދަފުއްޓާއި ގޮއިދޫގެ އިތުރުން އިތުރު އެހެން ރަށްރަށަށް ވެސް މެޖިސްޓްރޭޓުން ބޭނުންވާކަމަށް ޖޭއެސްސީން ގެޒެޓުކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައި ވެއެވެ.
އެގޮތުން، މި ފަހަރު މެޖިސްޓްރޭޓުން ބޭނުންވަނީ ހއ. ހޯރަފުށި، ބ. އޭދަފުށި، ބ. ގޮއިދޫ، ޅ. ހިންނަވަރު، ކ. ހިންމަފުށި، އދ. މާމިގިލި، ފ. ނިލަންދޫ، ގދ. ގައްދޫ، ފުވައްމުލައް އަދި އައްޑޫ ފޭދޫ ކޯޓަށެވެ. މީގެ ތެރެއިން ބ. ގޮއިދޫ އަދި ކ. ހިންމަފުށީގެ ކޯޓަށް ހޯދާ ދެ ބޭފުޅުން އައްޔަނު ކުރައްވާނީ އިސް މެޖިސްޓްރޭޓުންގެ ގޮތުގައި ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
މި މަގާމަށް ހޮވޭ ބޭފުޅުންނަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ކޮންމެ މަހަކު ޖުމުލަ 40،000 ރުފިޔާ ލިބިވަޑައިގަންނަވާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަސާސީ މުސާރައިގެ ގޮތުގައި ދޭ 26،350 ރުފިޔާއާއި، ލިވިންގ އެލަވަންސްގެ ގޮތުގައި ދޭ 12،000 ރުފިޔާ އަދި ރިސްކް އެލަވަންސްގެ ގޮތުގައި ދޭ 1،650 ރުފިޔާއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އުސޫލުގެ ދަށުން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސް ވެސް މެޖިސްޓްރޭޓުންނަށް ލިބިވަޑައިގަންނަވާނެއެވެ.
މި މަގާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން އޮގަސްޓު 12 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، އެ ކޮމިޝަނުގެ ‘ފަހިރެސް’ ޕޯޓަލް މެދުވެރިކޮށް ނުވަތަ ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހަޅައިގެން އެޕްލިކޭޝަން ފުރިހަމަކުރަންޖެހޭނެއެވެ. މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގައި ފުރިހަމަވާންޖެހޭ އިތުރު ޝަރުތުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތަފްސީލު ވެސް ޖޭއެސްސީގެ އިއުލާނުގައި ހިމަނާފައިވެއެވެ.






