ފުރަތަމަ ޓާމުގެ ކިޔެވުން ނިމި ސްކޫލް ބަންދުވުމަކީ، ކުދިންނަށް ކިޔެވުމުގެ ބުރަކަމުން އެކުދިންގެ ސިކުޑިއަށް ލިބޭ އަރާމެކެވެ. ގިނަ އާއިލާތަކަށް ބަލާއިރު، ބަންދު ދުވަސްވަރަކީ ގިނަ ވަގުތު ފޯނާއި، ޓެބްލެޓާއި، ޓީވީ އަދި ވީޑިއޯ ގޭމް ކުޅުމުގައި ހޭދަކުރާ ދުވަސްވަރެކެވެ. ސަބަބަކީ ސްކޫލްގައި ހޭދަކުރާ ވަގުތު ވެސް ގޭގައި ހޭދަކުރުމުން ކުދިން ފޫހިކަން އިޙްސާސްވުމެވެ. ޓެކްނޮލޮޖީގެ ސަބަބުން ފައިދާތަކެއް ލިބުނު ކަމުގައިވިޔަސް، މާގިނަ ވަގުތު ސްކްރީން ބެލުމަށް ހޭދަވާނަމަ ކުދިންގެ ނިދުމަށާއި، އުނގެނުމަށާއި، ޖިސްމާނީ ދުޅަހެޔޮކަމަށް އަދި ޢާއިލީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ކަމެކެވެ. އެހެންކަމުން މި ބަންދަކީ ކުދިން ސްކްރީންތަކުން ދުރުކޮށް، ކުދިންގެ ސިކުނޑިއާއި ހަށިގަނޑު ހެދިބޮޑުވުމަށް އެހީތެރިވެދޭ، އިސްލާމީ ރީތި އުޞޫލުތައް އަށަގަންނުވައިދޭނެ ފަދަ ކަންކަމުގައި ވަގުތު ހޭދަކުރުމަށް ލިބުނު ފުރުޞަތުގެ ބޭނުން ކުރަންވީ ވަގުތެވެ.
ސްކްރީނަށް ގިނަ ވަގުތު ހޭދަކުރުމުން ލިބޭ ގެއްލުންތައް
ކުދިން މާގިނަ ވަގުތު ސްކްރީން ކުރިމަތީގައި ހޭދަކުރާނަމަ، ޙަރަކާތްތެރިވެ އުޅުން މަދުވެ، ޢާއިލާގެ މެންބަރުންނާ ވާހަކަދެއްކުން މަދުވުމާއި ކަންކަމަށް ދޭންވާ ސަމާލުކަން ދިނުމަށް ދަތިވެއެވެ. އަދި ބައެއް ކުދިންގެ ނިދި މަދުވުމާއި، އެކުދިންގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސް ފޮތް ކިޔުމާއި އުފެއްދުންތެރި ކަންކަމަށް ހުންނަ ޝައުގުވެރިކަން ކުޑަވެގެންދެއެވެ.
ސްކްރީންތަކާއި ކުދިން ދުރުކުރުމުގައި ކުއްލިއަކަށް އެތަކެތި އަތުލުމުގެ ބަދަލުގައި، ވަކި އުޞޫލުތަކެއް ކަނޑައަޅައި، މަޑުމަޑުން ވަގުތު މަދުކޮށް، އެވަގުތުގައި މުނިފޫހިފިލުވޭނެ އެހެން ކަންކަން ތަޢާރަފުކުރުން މުހިންމެވެ.
މި ބަންދުގައި ކުދިންގެ ކިބައިގައި އިސްލާމީ ރިވެތި އާދަ ހަރުލެއްވުމަށް މަސައްކަތްކުރުން
ސްކޫލް ބަންދަކީ ޢާއިލާއާއި އެކު ދީނީ ކަންކަން ކުރުމުގެ ފުރުޞަތު ލިބިގެންދާނެ ދުވަސްވަރެކެވެ. އެހެންކަމުން ބެލެނިވެރިންނަށް ކުދިންނަށް މިފަދަ ކަންކަމަށް ހިތްވަރު ދޭށެވެ. އަދި ކުދިންނަށް ނަމޫނާ ދައްކާށެވެ. ކުދިންނާއި އެކު ނަމާދު ކޮށް ޤުރްއާން ކިޔެވުމަކީ އާދައަކަށް ހެދިދާނެއެވެ. ދީނީ ފޮތްތައް ކުދިންނަށް ކިޔައިދީ ކުދިންގެ ހިތްތަކުގައި ދީނީ ރޫޙު އަށަގަންނަވަން މަސައްކަތް ކުރާށެވެ. ޤުރުއާންގެ ބައެއް ސޫރަތްތައް ދަސްކުރުމާއި ކިޔަންޖެހޭ މުހިންމުދުޢާތަކާއި ޛިކުރުތައް ދަސްކުރުމަށް އެހީތެރިވެވިދާނެއެވެ. އަދި ޢާއިލާގެ މީހުންގެ ގާތަށް ޒިޔާރަތްކޮށް ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރެވިދާނެއެވެ. މިފަދަ ކަންކަމުގެ ސަބަބުން ކުދިންގެ އީމާންތެރިކަން ވަރުގަދަވެގެންދާނެއެވެ.
ސްކްރީނާ ދުރުކޮށްދޭނެ އުފެއްދުންތެރި ހަރަކާތްތައް
ކުޅިވަރުގެ ތެރެއިން އާ ކަންކަން ދަސްކުރުމަކީ ކުދިން އަބަދުވެސް ޝައުގުވެރިވާ ކަންކަމެވެ. އެގޮތުން ކުރެހުމާއި ކުލަޖެއްސުމާއި އަތްތެރި މަސައްކަތް ކުރުމަށް ވަގުތު ކަނޑައެޅިދާނެއެވެ. އަދި އުކާލާ ތަކެތި ބޭނުންކޮށްގެންއެއްޗެހި ހެދުމާއި ތަޢުލީމީ ބޯޑު ގޭމްތަކާއި ޕަޒުލް ކުޅުވިދާނެއެވެ. އަދި ކުދިންނާއި އެކު ފޮތްކިޔުމަށް ވަގުތު ހޭދަކުރެވިދާނެއެވެ. މިފަދަ ކަންކަމުގެ ސަބަބުން ކުދިންނަށް ކަންކަމުގައި ކެތްތެރިވާން ދަސްވެ، ވިސްނުމާއި، މުޢާމަލާތްކުރުމުގެ ހުނަރު ފަދަ ހުނަރުތައް އިތުރުވެގެންދާނެއެވެ.
ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދިނުން
ބަންދު ދުވަސްތަކަކީ ކުދިން އަމިއްލަ ފައިމައްޗަށް ތެދުވުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. އެހެންކަމުން ބެލެނިވެރިންނާއި އެކު ގަސް އިންދުމާއި ކެއްކުން ފަދަ ކަންކަމުގައި ކުދިން ބަވައިވެރި ކުރެވިދާނެއެވެ. އަދި އެއްޗެހި ފަތްޖެހުމާއި އަމިއްލަ ކޮޓަރި ސާފުކޮށް ތަރުތީބު ކުރުންފަދަ ކަންކަން ކުދިން ލައްވާ ކުރުވިދާނެއެވެ. މިފަދަ ކަންކަމުގެ ސަބަބުން ކުދިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ، ޒިންމާދާރު ބަޔަކަށްވުމަށް މަގުފަހިވެގެންދާނެއެވެ.
ބެލެނިވެރިން ނަމޫނާއަކަށް ވުން
ކުދިންނަކީ މީހުން އުޅޭގޮތް ބަލާ އެގޮތް ނަކަލު ކުރާ ބައެއް ކަމުން ބެލެނިވެރިން ކަންކަން ބުނުމުގެބަދަލުގައި އެކަންކަން ޢަމަލުން ދެއްކުން މުހިންމެވެ. މިސާލަކަށް ބެލެނިވެރިން އަބަދު ފޯނާ ކުޅޭނަމަ، ކުދިންވެސް އެކަން ކުރަންބޭނުންވާނެއެވެ. އެހެން ކަމުން ކުދިންގެ ކިބައިން ފެންނަން އެދޭ ކަންކަން ބެލެނިވެރިންގެ ފަރާތުން ކުދިންނަށް ނަމޫނާދެއްކުމަކީ ވަރަށް މުހިންމުކަމެކެވެ.
ހަނދާނުން ފުހެނުލެވޭނެ ފަދަ ބަންދެއް
މައިންބަފައިންނާއެކު ހޭދަކުރެވުނު ވަގުތުތަކާއި ދެކެވުނު ވާހަކަތަކާއި ކުރެވުނު ކަންކަމާއި، އާއިލީ ދަތުރުތަކާއި، އަދި ގޭތެރެއިން ދަސްވި އިސްލާމީ ރީތި އުޅުންތަކުގެ ހަނދާންތައް އެކުދިންގެ ހަނދާނުގައިހުންނާނެއެވެ. މި ބަންދަކީ އާއިލާތަކަށް ލިބޭ ރަނގަޅު ފުރުޞަތެކެވެ. މިއީ މުޅި ޢުމުރަށް ދެމިގެންދާނެ ފަދަ އުފާވެރި ހަނދާންތަކެއް ބިނާކުރުމަށާއި، ސްކޫލް މާޙައުލުން ބޭރުގައިވެސް ކުދިންގެ ކިބައިގައި ހަރުދަނާ އާދަތަކެއް އަށަގަންނުވައިދޭންވީ ވަގުތެވެ.
ސްކްރީނަށް ހޭދަކުރާ ވަގުތު މަދުކޮށް، އުނގެނުމާއި، އުފެއްދުންތެރިކަމާއި، ދީނީ އަދި ޢާއިލީ ގުޅުންތަކުން ކޮންމެ ދުވަހެއް ހޭދަކުރުމުން، ސްކޫލް ބަންދުތަކަކީ ކުއްޖެއްގެ ހަޔާތުގައި އަންނާނެ އެންމެ އަގުހުރި ތަޖުރިބާއަށް ބަދަލުކޮށްލެވިދާނެ ދުވަސްތަކެވެ.
ނޯޓް: މިއި އަވަސް.އެމްވީ ގައި ޙަމްނާ ރަޝީދު ޙުސައިން ލިއުއްވާފައިވާ ރިޕޯޓެކެވެ. ޙަމްނާ ރަޝީދު ޙުސައިން އަކީ ކިޔަވައިދިނުމުގެ ފަންނުގައި ހަރަކާތްތެރިވަމުން އަންނަތާ 15 އަހަރަށްވުރެ ގިނަ ދުވަސްވީ މުދައްރިސެކެވެ.






