ހޯރަފުށީ ކުޑަކުދިންގެ މަރުކަޒުގައި ތިބި ކުދިންތަކެއް ނުކުމެ މާރާމާރީ ހިންގައިފި

445191_3_fbb2302944bf7fe3b76f97175c52a7b7283bbdfd.webp

ހއ. ހޯރަފުށީގައި ކުދިންތަކެއް ދިން ހަމަލާގައި އަނިޔާވި ޒުވާނާ އެމްބިއުލާންސަށް އަރުވާ މަންޒަރު ފެންނަ ވީޑިއޯއަކުން ނަގާފައިވާ ސްކްރީންޝޮޓެއް.

ހއ. ހޯރަފުށީގައި ހުންނަ ކުޑަކުދިންގެ މަރުކަޒުގައި ތިބި ތިން ކުއްޖަކު، އެ ރަށު މީހަކަށް ހަމަލާދީ މާރާމާރީ ހިންގައިއިފި އެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ. މި ހާދިސާގައި ތުހުމަތު ކުރެވެނީ އެ މަރުކަޒުގައި ތިބި ތިން ކުއްޖަކު މަރުކަޒުން ބޭރަށް ނުކުމެ، އެ ރަށުގެ އާންމު ފަރުދަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށެވެ.

އެ ރަށުން މައުލޫމާތު ދިން މީހަކު ބުނި ގޮތުގައި ކުށުގެ ވެށީގައި އުޅޭ ކުދިން އިސްލާހުކުރުމަށް ގެންގޮސް ފަރުވާދޭން ހަދާފައިވާ ކުޑަކުދިންގެ މަރުކަޒުގައި ތިބި ކުދިން ހަމަލާދިނީ އެ ތަނުގެ ކުރިމައްޗަށް އޮންނަ އަތިރިމަތީގައި މަސްބާނަން ހުރި މީހަކަށެވެ.

”އެންމެ ފުރަތަމަ ބަދަލުކުރީ ބަހުގެ ހަމަލާތަކެއް. ދެން އެ މީހާ ފަހަތުން ދުވެ، އޭނާ އެ ހިސާބުގައި ހުރި ފަޅު ގެއަކަށް ވަނުމުން އެ ތިންކުދިން ހަމަލާދިނީ “

އަނިޔާވީ އުމުރުން 30 އަހަރުގެ މީހަކަށް ކަމަށާއި އޭނަގެ ހާލު ސީރިއަސް ކަމަށް އެ ރަށު ސިއްހީ މަރުކަޒާ ހަވާލާދީ ކައުންސިލް ރައީސް ވިދާޅުވި އެވެ.

“ވަރަށް ބޮޑެތި އަނިޔާތައް ލިބިފައި ހުރީ، ވަރަށް ވަރުކޮށްލާފައި އޮތީ،” އޭނާ ވިދާޅުވި އެވެ.

އަނިޔާވި މީހާ އިތުރު ފަރުވާއަށް މިހާރު ވަނީ އެ އަތޮޅު ދިއްދޫ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

މި ހާދިސާ ހިނގާދިޔަ ގޮތުގެ ތަފްސީލު ދެނެގަތުމަށާއި، މިކަމުގައި އިހުމާލެއް އޮތްތޯ ބެލުމަށްޓަކައި ކަމާބެހޭ ދައުލަތުގެ އިދާރާތަކާ ގުޅިގެން ފުލުހުން ދަނީ ގާތުން މަސައްކަތް ކުރަމުންނެވެ.

ހޯރަފުށީގައި ގާއިމުކޮށްފައިވާ މި ރެސިޑެންޝަލް ޓްރީޓްމަންޓް ސެންޓަރަކީ ކުށުގެ ވެށީގައި އުޅޭ ކުދިންނާއި، އެކި ކަހަލަ އަހުލާގީ މައްސަލަތައް ދިމާވާ ކުދިން އިސްލާހުކޮށް ތަރުބިއްޔަތު ކުރުމަށް ދައުލަތުން ހިންގާ މަރުކަޒެކެވެ. މިފަދަ މަރުކަޒެއްގައި ތިބި ކުދިންތަކެއް ބޭރަށް ނުކުމެ މާރާމާރީ ހިންގި މައްސަލައާ ގުޅިގެން، އެ ރަށުގެ އާންމުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ. އަދި ރޭގެ ވަގުތެއްގައި އެރަށު މީހުން ވަނީ މުޒާހަރާވެސް ކޮށްފައެވެ.

މި މާރާމާރީއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ދަނީ ބަލަމުންނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top