ހިތާދޫ ސްކޫލްގެ އަލިމަސް ޔޫބީލް ފާހަގަ ކުރަނީ

img_md_202501220754441737557684.6183.jpg

ބ.ހިތާދޫ ސްކޫލަށް 75 އަހަރު ފުރުން ނުވަތަ އެމަދަރުސާގެ އަލިމަސް ޔޫބީލް ކުލަގަދަ ކޮށް ފާހަގަކުރަން އެރަށު ކައުންސިލުން ނިންމައި އެކަމުގެ ތައްޔާރީތައް ކުރިއަށް ދާކަމަށް ރަށު ކައުންސިލުން ވިދާޅުވެއްޖެ އެވެ.

ސްކޫލުގެ އަހަރީ ދުވަހާ ގުޅޭ ހަރަކާތްތައް ޖުލައި މަހުގެ ހަތް ވަނަ ދުވަހު ފަށާފައިވާ އިރު އެންމެ ފުރަތަމަ ކުރިއަށް ދިޔަ ހަރަކާތްތަކުގެ ތެރޭގައި އަލިމަސް ޔޫބީލްގެ ލޯގޯ އިފްތިތާޙު ކުރުމާއި މީޑިއާ ޕްލެޓްފޯމްތައް ލޯންޗުކުރުން ހިމެނެއެވެ. މީގެ އިތުރުން، މާލޭގައި ތިބި ހިތާދޫގެ އިސްވެރިންނާއި ބެލެނިވެރިންގެ ބައިވެރިވުމާއެކު ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ވެސް ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.

ހިތާދޫ ސްކޫލުގެ އިސްދަރިވަރު އަދި ޓާސްކްފޯހުގައި އިސްކޮށް ހަރަކާތްތެރިވާ ޒީބާ ޢަޠާ މުޙައްމަދު މައުލޫމާތު ދެއްވި ގޮތުގައި، ސްކޫލަށް 75 އަހަރު ފުރުމުގެ މި މުނާސަބަތާ ގުޅިގެން ރަށު ފެންވަރުގައި ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

އެގޮތުން ރަށް ސާފުކުރުމާއި ސްކޫލުގެ މާހައުލު ރީތިކުރުމުގެ މަސައްކަތްތައް ފޯރިއާއެކު ކުރިއަށްދާއިރު، ސްކޫލުގެ މިހާރުގެ ހާލަތު އަންގައިދޭ ފޮޓޯއާއި މައުލޫމާތު ހިމެނޭ ކެޕްސޫލެއް ސްކޫލް ގޯތިތެރޭގައި ވަޅުލުމަށް ވަނީ ރޭވިފައެވެ.

މި ކެޕްސޫލް ވަޅުލާ ތަނުގައި މޮނިއުމެންޓެއް ބެހެއްޓޭނެ ކަމަށާއި، ކެޕްސޫލް ނެގުމަށް ހަމަޖެހިފައި ވަނީ ސްކޫލަށް 100 އަހަރު ފުރޭ ތާރީޚުގައެވެ.

ހިތާދޫ ސްކޫލުން ފާހަގަކޮށްފައިވާ ގޮތުގައި، މިވަގުތު ސްކޫލަށް އެންމެ ބޮޑަށް ބޭނުންވެފައި ވަނީ އިތުރު ކްލާސްރޫމްތަކާއި މަލްޓިޕާޕަސް ހޯލެއްގެ އިތުރުން ކިޔަވައިދިނުމަށް ބޭނުންވާ ވަސީލަތްތަކެވެ. ހަމައެއާއެކު އަލިމަސް ޔޫބީލްގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުގައި ރަށުގެ ފަރާތުން ސްކޫލުގައި ނަމާދުކުރާނެ ތަނެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް އެ ރަށުން މަޢުލޫމާތު ދެއެވެ.

ހިތާދޫ ސްކޫލޫގެ އަލިމަސް ޔޫބީލް ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 12ވަނަ ދުވަހުގެ ރޭ 20:30 ގައި އެރަށު މަދަރުސާ ގައެވެ.

ހިތާދޫ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ފާހަގަކުރާ އަލިމަސް ޔޫބީލް ހަރަކާތްތަކުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކަށް ސަން ސިޔާމް މީޑިއާ (އެސްއެސް މީޑިއާ) މިހާރުވަނީ ހަމަޖައްސައި، އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top