ސަރުކާރުގެ ސްކޫލްތަކުގައި ސްޓޭޖް 1 ގައި ކިޔަވަމިން އަންނަ ދަރިވަރުންގ ފެންވަރު ބައިނަލްއަގުވާމީ މިންގަނޑުތަކުން ވަޒަންކުރުމަށްޓަކައި އަންނަ ހާއްސަ އިމްތިހާނެއް ބާއްވަން ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އެ އިމްތިހާނު ބާއްވާނީ މި އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ކަމަށެވެ.
މިކަން އިއުލާން ކުރީ 2025 ގެ ކީ ސްޓޭޖް 3 ގެ ދަރިވަރުންގެ ނަތީޖާ ވަޒަންކުރުމަށް ފަހު އެކުލަވާލި ރިޕޯޓު ނެރުމަށް އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު އެވެ.
މިނިސްޓަރު ވިދާޅުވީ ނޮވެންބަރު މަހު ކީ ސްޓޭޖް 1 އަށް ބާއްވާ އިމްތިހާނުގެ ސަބަބުން ސައިންސާއި، ހިސާބު އަދި އިނގިރޭސި ފަދަ މާއްދާތަކުން ދިވެހި ކުދިން ތިބި ހިސާބު، ދުނިޔޭގެ އެހެން ގައުމުތަކުގެ އެ އުމުރުފުރާގެ ކުދިންނާ ސީދާ ގޮތެއްގައި އަޅައިކިޔައި ލެވޭނެ އެވެ. އަދި މި އިމްތިހާނުން ލިބޭ މައުލޫމާތުގެ އަލީގައި މުޅި ތައުލީމީ ނިޒާމަށާއި މަންހަޖަށް ގެންނަން ޖެހޭ ހެޔޮ ބަދަލުތައް އިލްމީ ގޮތެއްގައި ދެނެގަނެވޭނެކަން ވެސް ވިދާޅުވި އެވެ.
މީގެ ކުރިން ކީ ސްޓޭޖް އެކަކާއި ދޭއްގެ ފެންވަރު ބެލިނަމަވެސް އެ ނަތީޖާތަކުގެ ބޭނުން ސިޔާސަތު އެކުލަވާލުމުގައި އެންމެ އެކަށީގެންވާ ގޮތެއްގައި ހިފިފައިނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ހާއްސަކޮށް ފަށާ ތައުލީމުގެ މަރުހަލާގައި ހިސާބު މާއްދާގެ ނަތީޖާ ދަށްކަން ފާހަގަ ކުރެވިފައިވާތީ، މުގައްރަރަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން އެ މާއްދާ ކިޔަވައި ދިނުމަށް ހޭދަކުރާ ވަގުތު އިތުރުކޮށް، މުދައްރިސުންނަށް އިތުރު ތަމްރީނު ފޯރުކޮށް ދިނުމަށް މިހާރު ވަނީ އަމާޒު ހިފާފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.






