ފެނަކަ ކޯޕަރޭޝަނުން ދެމުންގެންދިޔަ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން، ބައެއް މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދަނީ ގާނޫނީ ގޮތުން ދޭންޖެހޭ އިނާޔަތްތައް ދިނުމަށްފަހު ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފިއެވެ.
މި ބަދަލާ ގުޅިގެން ބައެއް ރަށްރަށުގެ ފެނަކަ މުވައްޒަފުން ވަނީ ވަޒީފާ ގެއްލުމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަފީފް ވިދާޅުވީ، ރަށްރަށުގެ އިންޖީނުގެތައް ސްޓެލްކޯއާ ހަވާލުކުރިއިރު، ސްޓެލްކޯގެ ވަޒީފާތަކަށް ނެގި މުވައްޒަފުން ފިޔަވައި ބާކީ ތިބި މުވައްޒަފުން ދޫކޮށްލާފައިވާނޭ ކަމަށެވެ. އަދި އެ ފަރާތްތައް ދޫކޮށްލާފައިވަނީ ގާނޫނީ ގޮތުން ދޭންޖެހޭ ‘ރިޑަންޑަންޓް ޕެކޭޖް’ ނުވަތަ ހުރިހާ އިނާޔަތްތަކެއް ދިނުމަށްފަހު ކަމަށް އޭނާ ކަށަވަރުކޮށްދެއްވިއެވެ.
“މުލަކަތޮޅުގެ ރަށްރަށަށް ފެނަކައިން ދެމުންގެންދިޔަ ހުރިހާ ޚިދުމަތްތަކެއް ސްޓެލްކޯގެ ދަށަށް ބަދަލުކުރެއްވުމާ ގުޅިގެން، ސްޓެލްކޯގެ ވަޒީފާތަކަށް ނެންގެވި މުވައްޒަފުން ފިޔަވައި، އެ ރަށްރަށުގައި ބާކީ ތިއްބެވި ފެނަކަ މުވައްޒަފުން ދޫކޮށްލެއްވީ ދޭންޖެހޭ އިނާޔަތްތައް ދިނުމަށް ފަހުގައި ކަމަށް ދަންނަވަން،” އަފީފް ވިދާޅުވިއެވެ.
އަފީފް އިތުރަށް ވިދާޅުވީ، ފެނަކައިގައި ތިބި ހުރިހާ މުވައްޒަފުންގެ ލިސްޓު އެއްވެސް އުނި އިތުރެއް ނެތި ސްޓެލްކޯއަށް ފޮނުވާފައިވާ ކަމަށެވެ.
ސްޓެލްކޯއިން މުވައްޒަފުން ހޮވާފައިވަނީ އިންޓަވިއުއާއި ތައުލީމީ ގާބިލުކަމަށް ބަލައިގެން ކަމަށާއި، އާއިލީ ގާތް މީހުން ވަޒީފާއަށް އައްޔަންކުރުމުގައި ސްޓެލްކޯއިން ގެންގުޅޭ ހަރުދަނާ މިންގަނޑުތަކަށް ވެސް ރިއާޔަތްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މުލަކު އަތޮޅުގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަކީ ސަރުކާރުގެ ސިޔާސަތުގެ ދަށުން ހަކަތައިގެ ދާއިރާ ހަރުދަނާކުރުމަށް ކުރިއަށްގެންދާ މަސައްކަތެކެވެ. މި ބަދަލާއެކު، މ. އަތޮޅުގެ ކަރަންޓުގެ ޚިދުމަތް ދެން ބަލަހައްޓަމުންދާނީ ސްޓެލްކޯގެ ބެލުމުގެ ދަށުންނެވެ.








