މާލެ ސަރަޙައްދުން ބޭރުން ރަށްރަށުގައި ބޯހިޔާވަހިކަމުގެ އިތުރު ސްކީމްތަކެއް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އިފްތިތާޙު ކުރުމަށް ތައްޔާރުވަމުންދާ ކަމަށް ބިނާރާ ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، މި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ދެ މޮޑެލްއަކަށް ވިސްނަމުންދ ކަމަށެވެ. އެއީ އަގުހެޔޮ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމާއި، އަމިއްލަ ގޯތިތަކުގައި ގެދޮރު އެޅުމަށް ބޭނުންވާ ފައިނޭންސް މާލީ އިދާރާތައް މެދުވެރިކޮށް ހޯދައިދިނުމެވެ.
”މިއީ ރަށްރަށަށް އަމާޒުކޮށްގެން މިހާރުވެސް ހިނގަމުންދާ އަދި ރޭވިފައި ހުރި މަޝްރޫއުތަކެއް. އަޅުގަނޑުމެން އުންމީދު ކުރަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މި މަޝްރޫއުތައް ފެށޭނެ ކަމަށް،“ ނާޒިމް ވިދާޅުވިއެވެ.
މި މަސައްކަތްތަކަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ބޯހިޔާވަހިކަމުގެ ފުރުސަތުތައް ފުޅާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅު ފުއްދުމަށް ކުރިއަށްގެންދާ މަސައްކަތްތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ. މި މަޝްރޫއުތަކުގެ މައިގަނޑު އެއް މަގްސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް އެމީހުން ދިރިއުޅޭ ރަށްރަށުން ނުވަތަ މަސައްކަތްކުރާ ތަނާ ގާތުން އާއިލާއާއެކު ދިރިއުޅެވޭނެ ފަދަ އެކަށީގެންވާ ބޯހިޔާވަހިކަމެއް ހޯދައިދިނުމެވެ.
މީގެ އިތުރުން، އަތޮޅުތެރޭގައި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ސަރަހައްދީ އާބަން ސެންޓަރުތައް ތަރައްގީކުރުމުގެ ބޭނުމަކީ މާލެ ސަރަހައްދަށް މީހުން ހިޖުރަކުރާ މިންވަރު މަދުކުރުން ކަމަށްވެސް ސްޓޭޓް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ސަރުކާރުގެ ”ހައުސިން ފޯ އޯލް“ ސިޔާސަތުގެ ދަށުން އަމިއްލަ ގޯތީގައި ގެދޮރު އެޅުމަށް އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމްގައި ބައިވެރިވުމަށް މިހާތަނަށް 43 ރަށަކުން ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ.








