ޕައިލެޓްކަން ކިޔަވައިގެން ރާއްޖެއައިސް ވަޒީފާ ނުލިބި 200 އަށްވުރެ ގިނަ ޕައިލެޓުން އެބަތިބި ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނަ ވިދާޅުވީ، ރާއްޖޭގެ ގިނަ ޒުވާނުން ޕައިލެޓްކަން ކިޔަވަމުންދާއިރު އެ ދާއިރާއިން ވަޒީފާ ނުލިބުމަކީ ކަންބޮޑުވުމެއް ކަމަށެވެ. އެހެންވެ އެ މައްސަލައަށް ހައްލެއް ހޯދައިދޭން ބޭނުންވާ ކަމަށް އަމީން ވިދާޅުވ އެވެ.
ޕައިލެޓްކަން ކުރި ދުވަސްވަރު ވަޒީފާ ނުލިބޭ މައްސަލަ އަށް ހައްލެއް ހޯދަން ވަކާލާތު ކުރެއްވި ކަމަށްވެސް ކުރިން ޕައިލެޓަކަށް އުޅުއްވި އަމީން ވިދާޅުވި އެވެ. ހަމައެހެންމެ މިނިސްޓަރަކަށްވުމުގެ ކުރިން ވެސް އެ ވާހަކަދައްކަމުން ދިޔަ ކަމަށް ވިދާޅުވިއެވެ.
”ކެޑޭޓް ޕައިލެޓުންނަށް ދުނިޔޭގެ އެއްވެސް ތަނެއްގައި ތަމްރީނު ހަދައިގެން އައިސް އެހެން ގައުމަކުން ވަޒީފާ ލިބިފައިވާ މަންޒަރު އަޅުގަނޑުގެ އޭވިއޭޝަން ހަޔާތުގައި ނުދެކެން. އެހެން ގައުމުތަކުގައި ވެސް ޕައިލެޓުކަން ކިޔަވައިގެން ތިބޭ ކުދިންގެ ބޮޑު ބެކްލޮގެއް އޮވޭ،“ އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ މިއީ ރާއްޖޭގެ އޭވިއޭޝަން ދާއިރާ ކުރިއަރުވަން ބަލާއިރު، ގޮންޖެހުމެއް ވެސް ކަމަށެވެ.
”މި ވަގުތު ވެސް 200 އަށް ވުރެ ގިނަ ޕައިލެޓުން ވަޒީފާ ނުލިބިފައި އެބަތިބި. އެ ކުދިންނަށް ވަޒީފާ ނުލިބިފައި ތިއްބާ މިދިޔަ ސަރުކާރުން ވަނީ ސިޔާސީ މަންފާއަށް 500 އެއްހާ ކުދިންނަށް ޕައިލެޓްކަން ކިޔެވުމުގެ ފުރުސަތު ވެސް ދީފައި، މިއީ ހަމަ ސިޔާސީ މަންފާއަށް ކޮށްފައިވާ ކަމެއް. ވަރަށް ދެރޭ އަސްލު.“
އަމީން ވިދާޅުވީ ރާއްޖޭގައި ކެޑޭޓް ޕައިލެޓުން ނަގަނީ ދެ ކުންފުންޏަކުން ކަމަށެވެ. އެއީ ގައުމީ އެއާލައިން މޯލްޑިވިއަނާއި ސީ ޕްލޭންގެ ހިދުމަތް ދޭ ޓީއެމްއޭ އެވެ. އަދި އެ ކުންފުނިތަކުން އަހަރަކު ނަގަނީ 25 ކެޑޭޓް ޕައިލެޓުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެހެންވެ ކުންފުނިތައް އިތުރަށް ފުޅާކޮށް ޕައިލެޓުންނަށް ވަޒީފާ ފަހިކޮށް ދޭންޖެހޭ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި ވެސް އަންނަނީ ޕައިލެޓްކަން ކިޔަވައިދޭން ފްލައިން ސްކޫލެއް ހިންގަމުންނެވެ. އެއީ އައްޑޫ ގަމުުގައި މޯލްޑިވިއަނުން ހިންގަމުން އަންނަ މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ އެވެ.