ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓް 11.3 އިންސައްތަ އިތުރުވެއްޖެ

img_md_202606160315261781604926.5996.png

މިއަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ލޯކަލް ކައުންސިލްތަކަށް ދޫކުރި ބްލޮކް ގްރާންޓް، 11.3 އިންސައްތައިން އިތުރުވެއްޖެ ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި މަހުގެ 4 ވަނަ ދުވަހުގެ ތެރޭގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓްގެ ގޮތުގައި 1.04 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ކައުންސިލުތަކަށް ލިބުނީ 897.1 މިލިއަން ރުފިޔާއެވެ.

ލޯކަލް ކައުންސިލްތަކުގެ މާލީ މިނިވަންކަން ހަރުދަނާކޮށް، ކައުންސިލްތަކުގެ މުޖުތަމައުތަކުގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް 2020 ވަނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓް މެދުވެރިކޮށް ބްލޮކް ގްރާންޓްތައް ދޫކޮށްފައިވެ އެވެ.

ލޯކަލް ކައުންސިލްތަކުގެ މާލީ ޤާބިލުކަން ފުޅާކުރުމަށް އަމާޒުކޮށްގެން ސަރުކާރުން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، އަންހެނުންގެ ތަރައްގީގެ ކޮމިޓީތަކަށް ދޫކުރާ ބްލޮކް ގްރާންޓްގެ ހިއްސާ 5 ޕަސެންޓުން 10 ޕަސެންޓަށް އިތުރުކުރުމަށް މިހާރުގެ ސަރުކާރުން ވަނީ އިސްލާހު ހުށަހަޅާފަ އެވެ.

އަދި ކައުންސިލްތަކުގެ މާލީ މަސައްކަތްތައް ޖަވާބުދާރީވުން އިތުރުކުރުމާއެކު ބޭންކުތަކުން ފައިނޭންސިން ހޯދުމުގެ ފުރުސަތުތަކަށް ވެސް ވަނީ އިސްލާހުތަކެއް ގެނެސްފަ އެވެ. ސަރުކާރުން ބުނެފައިވަނީ މި ބަދަލުތަކުގެ ބޭނުމަކީ ކައުންސިލްތަކަށް މާލީ ގޮތުން ބޮޑު ފަސޭހަކަމެއް ހޯދައިދިނުމާއި އެކު ތަރައްގީގެ މަޝްރޫއުތައް ހިންގުމާއި ހިދުމަތްތައް ފޯރުކޮށްދިނުމުގެ ގާބިލްކަން ހަރުދަނާ ކުރުން ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top