ބަންގި ގޮވުމާއެކު، ކުޅިވަރު ހަރަކާތްތައް މެދުކަނޑައިލަން އަންގައިފި

img_md_202605070932061778128326.834.jpg

ފޮޓޯ: އޭދަފުށި ކައުންސިލް

ބަންގި ގޮވުމާއެކު، ކުޅިވަރު ކުޅޭ ތަންތަނުގައި 20 މިނެޓަށް ހުރިހާ ކުޅިވަރު ހަރަކާތްތަކެއް މެދުކަނޑައިލުމަށް، ސްޕޯޓްސް މިނިސްޓްރީން ކުޅިވަރު އެސޯސިއޭޝަންތަކަށް އަންގައިފިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ކުޅިވަރު އެސޯސިއޭޝަންތަކަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ، ނަމާދަށް ބަންގި ގޮވުމާއެކު 20 މިނެޓު ވަންދެން ހުރިހާ ކުޅިވަރު ހަރަކާތްތައް މެދުކަނޑާލާ ތަންފީޒުކުރާނެ ގޮތުގެ އުސޫލެއް އެ ވުޒާރާއިން މިހާރު އެކުލަވާލަމުންދާ ކަމަށެވެ. އަދި އެ އުސޫލު ފާސްކޮށް، ހުރިހާ އެސޯސިއޭޝަންތަކާ ހިއްސާކުރެވެންދެން، އެސޯސިއޭޝަންތަކުން ރާވައި ހިންގާ ކުޅިވަރު މުބާރާތްތައް މި ނިންމުމުން އިސްތިސްނާވާނެ ކަމަށްވެސް އެވުޒާރާއިން ބުނެފައިވެއެވެ.

އުސޫލެއް އެކުލަވާލުމުގެ ބޭނުމަކީ ރާއްޖޭގައި ބައިނަލްއަގްވާމީ މުބާރާތްތައް ވެސް ބާއްވާތީ، އެފަދަ މުބާރާތްތަކުގައި ގެންގުޅޭ ބައިނަލްއަގްވާމީ ގަވާއިދުތަކާ ފުށުނާރާނެ ގޮތަކަށް ކަންކަން ތަރުތީބުކުރުމެވެ. މީގެ އިތުރުން، ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ނަމާދު ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްވެސް ސަރުކާރުން ދަނީ ވިސްނަމުންނެވެ.

”ބައެއް މުބާރާތްތަކަކީ މިސާލަކަށް ހަވީރު ފަހެއް ޖަހާއިރު، ނުވަތަ 5:30ގައި ފަށަން އޮންނަ މެޗެއް، ޕޮއިންޓަށް ކުޅޭއިރު ކަންދިމާކުރާ ގޮތުން ނަމާދު ގަޑި އައިސްދާނެ ދެއްތޯ، ނުނިމިދާނެ، އެކަމަކު އެ ގަޑީގައި ދެން 20 މިނެޓަކަށް މެޗެއް މެދުކަނޑައެއް ނުލާނެ، އެކަމަކު އެއްވެސް ޕްރެކްޓިސްއެއް ނަމާދު ގަޑިއަކު ކުރިއަށް ނުގެންދެވޭނެ، ޕްރެކްޓިސްތައް 20 މިނެޓަށް ޖެހޭނެ ހުއްޓައިލަން،“ މިނިސްޓްރީން ވިދާޅުވިއެވެ.

ކުޅިވަރު މައިދާންތަކުގައި ނަމާދު ވަގުތަށް ކުޅިވަރު މެދުކަނޑާލަންޖެހޭ ގޮތަށް ސިޔާސަތު ބަދަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ މި މަހުގެ ފުރަތަމަ ދުވަހުއެވެ. ރައީސް ވިދާޅުވެފައިވަނީ، ނަމާދު ވަގުތަށް އިސްކަންދިނުމުގެ އިތުރުން، އަލަށް ބިނާކުރާ ސްޕޯޓްސް ކޮމްޕްލެކްސްތަކުގައި ނަމާދު ކުރެވޭނެ ހާއްސަ އިންތިޒާމުތައް ހަމަޖެއްސުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. މި މަސައްކަތްތައް މިހާރު އޮތީ ތަންފީޒީ މަރުހަލާގައި ކަމަށްވެސް ރައީސް ފާހަގަކުރައްވާފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top