އެޕާޓްމަންޓް ކުއްޔަށް ދިނުމާއި އެކި މުދާ ވިއްކުމަށް އިޝްތިހާރު ހަދައިގެން ސްކޭމްތައް ހިންގަމުން އަންނަ “އިނާ” ގެ ނަމުގައި ހިންގާ ޓިކްޓޮކް އެކައުންޓަކާ މެދު ސަމާލުވުމަށް އެންޓި ސްކޭމް ސެންޓަރުން އިލްތިމާސް ކޮށްފި އެވެ.
އެ ސެންޓަރުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ އެކައުންޓަކީ އޮޅުވާލުމާއި މަކަރާއި ހީލަތުން ސްކޭމްތައް ހިންގަމުން އަންނަ އެކައުންޓެއްގެ ގޮތުގައި ބައެއް އާންމުން އެ ސެންޓަރަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ ޕޯސްޓާއެކު އެ ސެންޓަރުން ވަނީ ޓިކްޓޮކް އެކައުންޓުގެ ސްކްރީންޝޮޓެއް ވެސް ހިއްސާކޮށްފަ އެވެ.
އެ ޕްރޮފައިލްގައި މާލެއާއި ހުޅުމާލޭގެ ކޮންމެ ތަނަކަށް ވެސް ތެލުލި ބަނބުކެޔޮ ޑެލިވަރީ ކުރާ ކަމަށް ބުނާ އެކި ޕޯސްޓްތަކާއި ދުވަހު ކުއްޔަށް ދޫކުރާ އެޕާޓްމަންޓްތައް އިޝްތިހާރު ކުރާ އެތައް ޕޯސްޓެއް ހިމެނެ އެވެ.
އެންޓި ސްކޭމް ސެންޓަރުން ބުނީ އެކައުންޓް ހިންގާ ފަރާތް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ އެކައުންޓުގެ ތަފްސީލް ސްކޭމް ސެންޓަރުން އާންމުކުރުމާ ގުޅިގެން މިހާރު ވަނީ އެ ޕްރޮފައިލް ޕްރައިވެޓްކޮށްފަ އެވެ. ނަމަވެސް އަދިވެސް 297 މީހަކު އެ އެކައުންޓް ފޮލޯ ކުރަމުންދާ ކަމަށް ވެސް އެންޓި ސްކޭމް ސެންޓަރުން މައުލޫމާތުދެ އެވެ.
އެންޓި ސްކޭމް ސެންޓަރުން ވަނީ ޖިނާއީ ކުށްތައް ކުރުމަށް އެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ފޭކް އެކައުންޓްތައް ބޭނުންކުރާ ފަރުދުން ހޯދައި، އެމީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި ޚިޔާނާތްތަކުން ރައްކާތެރިވެ ތިބުމަށާއި އެފަދަ ކަމެއް ފާހަގަކުރެވޭނަމަ ލަސްނުކޮށް ރިޕޯޓްކުރުމަށްވެސް ފުލުހުން އެދިފައި ވެއެވެ.







