ރާއްޖޭގެ ކޮންމެ ދިމާލެއްގައި ބައި އިލެކްޝަނެއް ބޭއްވިޔަސް މި ސަރުކާރުން ކާމިޔާބުކުރާނެކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ދ. މީދޫ ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމް ކާމިޔާބު ކުރެއްވުމާއި ގުޅިގެން އެ ރަށުގައި ބާއްވާ ޖަލްސާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ވަޑައިގެން “އެމްއެމްޓީވީ”އަށް ދެއްވި އިންޓަވިއުއެއްގައެވެ.
ސަލީމް ވިދާޅުވީ އޭޕްރީލު މަހު ބޭއްވި ލޯކަލް ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމީޓިތަކުގެ އިންތިހާބުގައި ޕީއެންސީން އެންމެ އެދޭ ނަތީޖާ ނުނެރެވުނީ ހުރިހާ ދާއިރާއަކަށް ކެމްޕެއިން ކުރަމުންދިޔައިރު، ގާނޫނުއަސާސީއަށް ގެނައި އިސްލާހަކާމެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަށް ކެމްޕެއިން ކުރަން ޖެހުމުން ކަމަށެވެ.
”އެހެންނޫންނަމަ ކައުންސިލްތަކުގެ 80 ޕަސެންޓް މެޖޯރިޓީ ޕީއެންސީން ނަގާނެ. އަދި މިހާރު ރާއްޖޭގެ ކޮންމެ ދިމާލެއްގައި ބައި އިލެކްޝަނެއް ބޭއްވިޔަސް މި ސަރުކާރުން ކާމިޔާބުކުރާނެ“ ސަލީމް ވިދާޅުވި އެވެ.
ސަލީމް ވިދާޅުވީ މިހާރު މި ފެންނަ މަންޒަރުން 2028 ގައި ވަރަށް ފަސޭހަކަމާއެކު ކާމިޔާބު ކުރެވޭނެ ކަމަށެވެ.
މީދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރެއްވީ ސުހާގެ އިތުރުން، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެންޑިޑޭޓް މުޙައްމަދު ޝާހިދެވެ. އިއްޔެ ބޭއްވި ބައި އިލެކްޝަން ސުހާ ކާމިޔާބު ކުރެއްވީ 529 ވޯޓުންނެވެ. ޝާހިދަށް ލިބިފައިވަނީ 449 ވޯޓެވެ.
މި ގޮނޑިއާއެކު ދ. މީދޫގެ ކައުންސިލުގެ ފުރިހަމަ އަޣުލަބިއްޔަތު ޕީއެންސީއަށް މިހާރު ވަނީ ލިބިފަ އެވެ. މިއީ ގިނަ ދުވަސްތަކެއްވަންދެން، އެމްޑީއޭއިން ކޮންޓްރޯލްކުރި ރަށެކެވެ.






