ކޮންމެ އަހަރެއްގެ ޖޫން މަހުގެ 5 ވަނަ ދުވަސް ނުވަތަ ބައިނަލް އަގުވާމީ ތިމާވެށިގެ ދުވަސް އައިސް ފާއިތު ވަމުން ދެއެވެ. ރާއްޖޭގައިވެސް މިދުވަސް ފާހަގަ ކުރެއެވެ. މުހިންމު ކަމަކަށް އޮންނަނީ ގަސް އިންދުމެވެ. ގޯހެއް ނޫނެވެ. އޭދަފުށީގައިވެސް މިދުވަސް ފާހަގަ ކުރަން ރަށު ކައުންސިލުން އިސް ނަގައެވެ. ރައްޔިތުންނާ އެކު ބައިވެރިވެގެން ނޫނެވެ. އަމިއްލަ އަމިއްލައަށް ކޮށް ނިންމައިލަނީ އެވެ. ކަން ހިނގަމުން އަންނަނީ މިމަގުންނެވެ.
ވޭތުވެ ދިޔަ ކުރު މާޒީއަށް ބަލާއިރު މިދިޔަ އަހަރު އޭދަފުށީ ކައުންސިލުން ތިމާވެށީގެ ދުވަސް ފާހަގަކުރީ އިރުމަތީކޮޅު ހިއްކި ބިމުގައިގައި 50 ރުއް އިންދައިގެންނެވެ. އެކަން ނޫސްތަކުގެ ފަލަ ސުރުޚީއަށް އެރިއެވެ. ރުއްތައް ހެދި ބޮޑުވެގެން ރަށަށް ލިބޭނެ ފައިދާތަކުގެ ވާހަކަތައް ދައްކައިގެން އެކަމުގެ ހުވަފެން ރައްޔިތުންނަށް ދައްކާފައެވެ.
އެރުއްތައް މިހާރު ކޮބާ ހެއްޔެވެ. ކައުންސިލުގެ ނާއިބު ރަސް އަރިހުގައި ދެންނެވުމުން ލިބުނު ޖަވާބަކީ މިއެވެ.
”ވީގޮތެއް ނޭގެއެވެ.“
އެކަމަކު އެއަށް ވީގޮތް އެނގެން ޖެހޭނެ އެކަކީ އެއީއެވެ. އޭރުވެސް އެއީ ކައުންސިލުގެ ނައިބެވެ. އަޅުގަނޑު އެހީމެވެ.
”ކޮން ބައެއްގެ ޒިންމާއެއް ހެއްޔެވެ.“ އޭނާ ވަގުތުން ޖަވާބު ދެއްވިއެވެ. ”ރަށު ކައުންސިލްގެ އެވެ.
އެކަމަކު އޭރުވެސް އެރުއްތައް ހައްދަން މަސައްކަތް ކުރުމުގެ ޕްލޭނެއް ނެތްނަމަ ތިޔައީ ކީއްކުރަން ކުރާ ކަމެއްހޭ ބުނި ކަމަށް އަލީ ވިދާޅުވި އެވެ. އަލީގެ ހަނދާން ނެތް ކަމަކީ ޕްލޭން ހެދުމާ އެރުއްތައް ބެލެހެއްޓުމަކީ އަލީގެ ވެސް ޒިންމާ އެއް ކަމެވެ.
އެރުއްތައް ކޮބާހެއްޔެވެ. އޭގެ ތެރެއިން ބައެއް ރުއް މަރުވެ ހިނގައްޖެ އެވެ. ބައެއް ރުއް ނުމިޔެ ނުދިރި އެބަހުއްޓެވެ. މަސައްކަތް ކުރަނިކޮށް އެރުއްތައް އަދިވެސް ހެއްދިދާނެކަމަށް ތަޖްރިބާކާރުން ބުނެ އެވެ.
އޭގެ ކުރީ އަހަރު މިއަތޮޅު ގޮއިދޫން 100 ކިނބި ގަސް ގެނެސް ރަށުގެ ހޭޅި ފަށުގައި އިންދީ ކިނބި ގަހަކީ ފަސޭހައިން އަވަހަށް ހެދޭ ހިޔާދޭ ބިޔަ ގަހެއްކަމަށް ވާތީ ރަށް ފެހި ކުރުމުގެ ބޭނުމުގައި ކަމަށް ކައުންސިލުން އޭރު ބުންޏެވެ.
އެ ކިނބި ގަސްތައް ކޮބާހެއްޔެވެ؟ ފެންނާކަށްނެތެވެ. އެކަމަކު ބޮޑު ރަސްމިއްޔާތަކާއެކު ބޭއްވި އެ އިވެންޓްގެ ފޮޓޯތައް މީސްމީޑިޔާގެ އެކި މަންސަތަކުގައި ނިކަން ބާރަށް ފެތުރިގަތެވެ. މީސްމީހުން ގެ ތައުރީފުގެ ބަސްތައް ކައުންސިލަރުންނަށް އޮހެމުން ދިޔައެވެ. އެހެން ވާނެތާއެވެ. ގައުމުން ނެތިވެ ދިޔުމުގެ ބިރު ހީވެފައިވާ 100 ކިނބި ގަސް އޭދަފުށީގައި އަވަހަށް ހެދިގަނެ ރަށުގެ ފެހި ކަމާއި ފިނިކަން ރައްޔިތުންނަށް ފެންނާނެކަމަށް ރައްޔިތުން ތިބީ އުފަލުންނެވެ. ކައުންސިލަރުން ކުޅޭ މިކަހަލަ ޑްރާމާތަކަކީ ހަގީގަތްކަމަށް ބަލައިގެންނެވެ. އެރަސްމިއްޔާތުގައި ނެގި ފޮޓޯ ތައްވެސް އަދިވެސް ހުރީ ކައުންސިލގެ އެފްބީގައި ހަނދާނާއި ތާރީޚަށް ރައްކާކުރެވިފައެވެ. މާ މޮޅުކަމެއް ކުރެވުނު ކަމަށް ބަލާފައި މާދަމާގެ ދަރިންނަށް ދައްކަން ކަމަށް ވެދާނެ އެވެ.
އަވަހަށް ފަސޭހައިން ހެދޭ ކިނބި ގަސްތަކުގެ ތެރެއިން އެންމެ ގަހެއްވެސް ނުހެދެއެވެ. ހެދޭނީ ހައްދަން އެއްވެސް މަސައްކަތެއްވެސް ކުރިނަމަ ތާއެވެ. އިންދިތާ މަދުދުވަސްކޮޅެއްގެ ތެރޭގައި މަރުވެ ދިޔައީ އަޅާނުލެވިގެންނެވެ. ރަށުކައުންސިލުގެ މި ކަހަލަ ޑްރާމާތައް ގާތުން ދެކޭ މީހަކު އެދުވަހު ކައުންސިލަރެއްގެ އަރިހުގައި އެހި އެވެ.
”މިގަސްތައް އިންދުމަކުން އެކަނި ނުފުދޭނެ ނޫންތޯއެވެ. ގަސްތައް ހެދޭނީ ފެންދީ ބަލަހައްޓއިގެން ނޫންތޯ އެވެ.“
ކައުންސިލަރުގެ ޖަވާބަކީ މިއީއެވެ. އެ އޯކޭ ވާނެއެވެ. މިއީ ފޮޓޯނެގުމުގެ ބޭނުމުގައި ކުރާ ކަންތަކެވެ. މީޑިއާގައި މިކަން ފެތުރޭނީ ދުނިޔޭގެ ތިމާވެށިގެ ދުވަހުގެ މުނާސަބަތުގައި އޭދަފުށީގައި 100 ކިނބި ގަސް އިންދައިފި ކަމަށެވެ.
ދެންއޮތީ މިހަރުގެ ތިމާވެށިގެ ދުވަހުގެވާހަކަ އެވެ. އެދުވަހުވެސް އެހެން އަހަރުތަކެކޭ އެއް ފަދައިން ގަސް އިޮންދުން އޮތެވެ. ކައުންސިލުން ވަނީ ރަށުގެ ދެކުން ފަރާތު ހިއްކި ބިމުގައި ރުއްތަކެއް އިންދާފައެވެ. ބޮނޑު ނަގުލަށްދާހެން އަހަރުން އަހަރަށް އަދަދު މަދުވަމުން އައިސް މިއަހަރު އިންދީ ކިތަައް ރުއްކަންވެސް ކައުންސިލަރުންނަކަށް ނޭގެ އެވެ. ނައިބު އަލީ ޝަފީގު ވިދާޅުވީ 20 ރުއް ކަމަށެވެ. އެހެން ކައުންސިލަރަކު ވިދާޅުވި އަދަދަކީ17 އެވެ. އަނެއް ކައުންސިލަރު ވިދާޅުވީ އަދަދަކީ 15 އެވެ. މިއުޅެނީ ހާހުން ގުނާލެވޭ އަދަދަށް ރުއް އިންދައިގެން ކަމަށް ވީނަމަ އަދަދުގައި ކުޑަތަފާތެއް ހުރެދާނެއެވެ. އެކަމަކު އެހާ މަދު އަދަދެއްގެ ރުއްކޮޅެއް އިންދައިގެން އޭގެ އަދަދު އެކި ކައުންސިލަރުން އެކި ގޮތަށް ބުނަން ޖެހެނީ ކަން ކުރުމުގައި ޝައުގުވެރިކަން ނެތުމުންނެވެ.
މި ފަހަރުވެސް ކަންތައް ވެގެންދާނީ ކުރީއަހަރު ތަކެކޭ އެއްގޮތަށް ތޯ ނައިބު އަރިހުގައި އެހުމުން ވިދާޅުވި އެވެ.
”ނޫން ނޫން. މިއަހަރު އެހެން ނުވާނެ. މިއަހަރު ނިންމާފައި އޮންނާނީ އެމީހަކު އިންދި ރުކެއް ބެލެހެއްޓުމަކީ އެމީހެއްގެ ޒިންމާއެއްކަމަށް. “
ނައިބު ވިދާޅުގޮތަށް އަޅުގަނޑުމެން ވެސް ބޭނުންވަނީ މިފަހަރު އެހެން ނުވުމެވެ. އެކަމަކު ތާރީޚު ބުނާގޮތުން އެކަން ވުމަށްވުރެ ގާތީ ނުވުމެވެ.
ތާރީޚު ބުނާ ގޮތޭ މި ދެންނެވީ އޮޅިގެން ނޫނެވެ. އެއީ ރަށު ކައުންސިލުން ރަށް ހިންގަން ފެށި ފަހުން ރައްޔިރުންނަށް ވެފައިވާ އެންމް ބޮޑު ޚިޔާނާތަކީ އަޅުގަނޑު ގަބޫލު ކުރާގޮތުގައި ކާބަފައިން މިއަދުގެ ދަރިންނަށްޓަކާ އިންދާފައި ހުރި ހުރިހާ ގަސް ތައް ރުކެއް ކަނޑައި ހޫނުގަދަ ސަހަރާއަކަށް ރަށް ބަދަލު ކޮށްލުމެވެ. ތަރައްގީގެ ބޯޑު އަޅުވައިގެންނެވެ.
ފުރަތަމަ. ރަށުގެ ބޮޑެތި މަގުތަކުގައި އިންދާފައިހުރި 30 އަހަރަށް ވުރެ ގިނަދުވަސް ވެފައިހުރި ބިޔަ ހިރުދުގަހާއި ދިއްގާގަސް ފަދަ ގަސްތައް ކަނޑައިލީ އެގަސްތައް ހުރެގެން މަގުތައް ނުހެދެނީޔޯލައެވެ. ނޫނީ މަގުތަކުގައި ތާރު ނޭޅެނީއޭ ބުނެފައެވެ. އެންމެ ގަހެއް ފިޔަވައެވެ. އިރު އުތުރު ފަރާތުގައި އެތައް ބަޔަކު ފިނިކޮށްލަން ނުކުމެ އުޅޭ މައިޒާން ”އާފަލު ގަސް“ ކަނޑަން އުޅުމުން އެކަމާ ދެކޮޅަށް ނުކުތީ އެހިސާބުގެ ރައްޔިތުންގެ ތެރެއިން ބަޔެކެވެ. އެގަސް ހުރެގެން އެހިސާބުގައި ތާރު ނޭޅޭނެ ކަމަށް ބުނެފައެވެ. އެކަމަކު އެސަރަހައްދުގައި އެއޮތީ ގަސް ކަނޑާނުލައި ތާރުވެސް އަޅާފަ އެވެ.
އަވައްޓެރި ލަންކާއާއި އިންޑިޔާ ގައިވެސް މަގުތަކުގައި ތާރު އަޅަފައި އެހުނަނީ ތާރަށްވުރެ ގަހަށް އިސްކަން ދީގެންނެވެ. ހަމަ އެގޮތަށް ރަށުގެ ހޭޅިފަށުގައި ޚާއްސަކޮށް ހުޅަނގު ދެކުނު ކޮޅުގައި ގޮނޑުދޮށް ހިމާޔަތްކޮށްދިނުމުގައި އެތައް އަހަރެއް ވެފައިހުރި ދިއްގަލާއި ހިރުނދުގަސްތައް ބޮޑު ހައިމާކެއް ބޭނުންކޮށްގެން ކަނޑައި ހުސްކޮށްލިއިރު އޭރުގެ ކައުންސިލުގެ ރައީސް ރައީސް އެމަންޒަރު ބައްލަވަން ހިނިއައިފައި ހުންނެވި އެވެ. ތިޔަހެން ހައްދަވާކަން ނުވާނެ ނޫންތޯއޭ އޭ ދެންނެވުމުން ވިދާޅުވީ ގަސްތަކުގައި ކޫޑި އަޅަތީ މި ނޫންގޮތެއް ނެތް ކަމުގައެވެ. ކޫޑި ހައްލު ކުރެވޭނެ ގޮތްތައް ބައިވަރު ހުއްޓާއެފަދަ ތާކުން ތާކުން ނުޖެހޭ ވާހަކައެއްގެ މައްޗަށް އެގަސްތައް ކަނޑައިލިމީހުންނާއި އެކަމަށް ހިތްވަރު ދިން މީހުންގެ ގަމާރު ކަމާއެވެ.
ރަށުގެ ހުރިހާ ގަހެއް ކަނޑާލައިގެން މިއަދު ވަނީ ތާރު އަޅާފައެވެ. ނަސީބަކުން އެމަގުތައް ހަދާފައިހުރީ މަގުގައި ގަސް އިންދުމަށޑް ޖާގަ ހަދާފައެވެ. އެ ޖާގަތަކުގައި ބައެއް ގޭގެއިން އިސް ނަގައިގެން ގަސް ހައްދާފައި އެބަހުއްޓެވެ. މޭވާ އަޅާ ގަސްގަހާއި ހިޔާދޭ ކަހަލަ ގަސް ގަހެވެ. އެއީ ރަށް ދެކެލޯބިވާ ރަށް ފެހިކުރުމުގެ ޝައުގުހުރި ހުރި މީހުންނެވެ. ނަމަވެސް ރަށު ކައުންސިލުން ރަށް ފެހިކުރުމުގެ ވިސްނުމެއް ނުވަތަ އެފަދަ ޚިޔާލެއް ހުރިނަމަ މިހާރު މަދުތައް ހުންނާނީ ފެހި ވެފައެވެ. މިދެންނެވީ ހިޔާދޭ ގަސްތަކާއި މޭވާއަޅާ ގަސްތަކުން ފެހި ވެފައެވެ.
އިއްޒަތްތެރި ކައުންސިލަރުންނޭވެ. އޭދަފުށީގެ މަގުތައް ފެހި ކުރެވިދާނެއެވެ. އެފުރުިސަތު އަދިވެސް އެބައޮތޔެވެ. މޭވާ އަޅާ ގަސްގަހާއި ހިޔާދޭ ގަސްތަކުން މަގުތައް ފިނި، ފެހި ތަނަކަށް ބަދަލު ކޮށްލެވިދާނެ އެވެ. އެކަމަކު އެއީ ކައުންސިލުން އެކަން ކުރަން ބޭނުން ވާނަމައެވެ. މިހާތަނަށް ނުކުރެވި އޮތީ ކައުންސިލ؛ުން ކުރަން ބޭނުން ނުވެގެންނެވެ. އާދޭހެވެ. މަގުތަކުގައި އަނބު ގަހާއި އެހެނިހެން މޭވާ އަޅާ ގަސް ވެސް އިންދައިފިނަމަ ވާނީ ކިހިނެއް ތޯއެވެ. އެގަސްތައް ބެލެހެއްޓުން އެސްޕޮޓް ހުންނަ ގެއާ ހަވާލު ކުރައްވާށެވެ. ގަހުގައި އަޅާ މޭވާ އެގެއަށް ލިބޭ ގޮތަށެވެ. ހަނދާންކުރައްވާށެވެ. މޭވާ އަޅާ ގަސްގަހަށް ގަޅި އުކާނެ އެވެ. އެމޭވާތައް ކެއުމަށް ވާލާއި ކާޅުވެސް އަންނާނެ އެވެ. އެކަމަކު އެއީ އެކަން ނުކޮށް ދޫކޮށްލަންޖެހޭ ސަބަބެއް ނޫނެވެ.





