ޖިނާއީ ކުށްތަކުން އަމާން ރަށަކަށް މާޅޮސް ވާނެ: ވަޒީރު އިހުސާން

img_md_202606041020121780550412.0238.jpg

ޖިނާޢީ ކުށެއް ނެތް އަމާން ރަށެއްގެ ގޮތުގައި ބ. މާޅޮސް ފާހަގަ ކުރެވިގެން ވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ބ. މާޅޮހުގައި އިމާރާތްކުރި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ޖިނާޢީ ކުށްތައް އެއްވެސް ގޮތަކަށް ނޯންނަ މުޖުތަމައެއްގެ ގޮތުގައި މާޅޮސް ހެދިދާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

އެފަދަ މުޖުތަމަޢެއް ބިނާ ކުރުމަށް ބޭނުންވަނީ ރަށުގެ ރައްޔިތުންނާ ފުލުހުންނާ ގުޅިގެން އެއް އަމާޒެއް ހާސިލުކުރުމަށް މަސައްކަތް ކުރުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

”ރާއްޖޭގެ ރަށްރަށުގައި އެންމެ ފުރިހަމައަށް ފުލުހުންގެ ޚިދުމަތް ދިނުމަކީ އަދު އެ ޚިދުމަތް ރައްޔިތުންނަށް ލިބިގެން ދިޔުމަކީ ރައީސް ޑރ. މުޢިއްޒުގެ އެދިވަޑައިގަތުމެއް. އަދި އަޅުގަނޑުމެންގެ ފަރާތުން އޮތް އެކްސްޕެކްޓޭޝަނެއްވެސްމެ. އަޅުގަނޑު ހިތުން ރައްޔިތުންވެސް އެދެނީ ހަމަ އެގޮތް. ރައްޔިތުން ބޭނުންވި ގޮތަށް ހުރިހާ ޚިދުމަތެއް ފުރިހަމަވެގެން މިއަދުން ފެށިގެން މާޅޮހުގައި ފުލުހުންގެ ޚިދުމަތް ފެށިގެންދާނެ.“

ވަޒީރު ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި ފުލުހުންގެ ޚިދުމަތް މާޅޮހުގައި ފެށިގެން މިއައީ ރަށުގެ ރައްޔިތުންނާ އަދި ރަށުގެ ކައުންސިލްގެ ދައުރު ފުރިހަމައަށް އަދާކުރުމުން ކަމަށެވެ.

”ބައެއް ރަށްރަށުގަ އަޅުގަނޑުމެންނަށް މި މަސައްކަތް އަދިވެސް ނުފެށި އެބަހުރި. ހަމަ ޖައްސަން ޖެހޭ ބިމާއި ތަރުތީބު ކުރެވެން ޖެހޭ އެހެނިހެން ކަންކަން ހަމަނުޖެހި މަސައްކަތް ނުފެށި އެބަހުރި. ކައުންސިލްތަކާއި އެ ރަށެއްގެ ރައްޔިތުންގެ ފަރާތުން އެއްބާރުލުން ލިބޭ ހިސާބުތަކުގަ މި މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ. މި ރަށު ކައުންސިލްގެ ކުރީގެ ރައީސް ޝުޖާޢު ކުރެއްވި ބުރަ މަސައްކަތް އަޅުގަނޑު ވަރަށް ބޮޑަށް ފާހަގަކުރަން“ ވަޒީރު ވަނީ ކައުންސިލްތަކުގެ ފުރިހަމަ އެއްބާރުލުން މިފަދަ މުހިންމު މަސައްކަތްތަކަށް ސަރުކާރަށް ރައްޔިތުން ދެއްވުމަށް އެދިވަޑައިގެންފައެވެ.

މާޅޮހު ޕޮލިސް ސްޓޭޝަންގެ ބިންގާއަޅައި މަސައްކަތް ފަށާފައިވަނީ 2025 އޮގަސްޓް 14 ވަނަ ދުވަހުއެވެ. އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީއާއެވެ. މި އިމާރާތުގައި އިދާރީބަޔަކާއި، މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ގާއިމުކޮށްފައިވެއެވެ.

ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު، ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި ގަސްއިންދުމުގެ ހަރަކާތެއްވެސް ހިންގާފައިވެއެވެ.

މާޅޮހުގައި ފުލުހުންގެ ޚިދުމަތް ދޭން ފަށާފައިވަނީ 2024 ޖަނަވަރީ 27 ވަނަ ދުވަހުއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top