
ރޭގެ މެޗްގައި މެސީއަށް މެންޗެސްޓަރ ސިޓީގެ ކޮމްޕެނީ ހުރަސް އަޅަނީ. މެސީވަނީ އެއްކްލަބަކަށް ޗެންޕިއަންސް ލީގުގައި އެންމެގިނަ ގޯލްޖެހި ކުޅުންތެރިޔާގެ ރެކޯޑް މުގުރާލާފައި / ފޮޓޯ: އޭޕީ
ޔޫރަފްގައި ކުޅެވޭ ކްލަބްތަކުގެ އެންމެ ޝަރަފްވެރި މުބާރާތްކަމަށްވާ ޗެންޕިއަންސް ލީގުގައި އެއްކްލަބަކަށް އެންމެގިނަ ގޯލް ޖެހުމުގެ ރެކޯޑް ބާސާގެ ލިޔޮނަލް މެސީ މުގުރާލައިފިއެވެ.
މިރެކޯޑް ކުރިން އޮންނަނީ ސްޕެއިންގެ ކުޅުންތެރިޔާ ރައުލް އަތުގައެވެ. ރޭ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގްގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅުނު މެޗްގައި މެސީ ކާމިޔާބުކޮށްދިން ގޯލް އަކީ މިހާތަނަށް ބަސެލޯނާއަށް އޭނާ ޗެމްޕިއަންސް ލީގުގައި ކާމިޔާބުކޮށްދިން 67 ވަނަ ގޯލެވެ. ރޭގަ ކުޅުނު މިމެޗުން މޮޅުވީވެސް ބާސެލޯނާއެވެ.
މި މެޗުން ބާސެލޯނާ މޮޅުވީ 2-1 ނަތީޖާއަކުންނެވެ. މި މޮޅާއެކު ބާސެލޯނާ ވަނީ ޗެމްޕިއަންސް ލީގުގެ ކުއަރޓަރ ފައިނަލަށް ދަތުރުކޮށްފައެވެ. މެސީގެ އިތުރުން އިތުރުން އެޓީމަށް މޮޅުވި ގޯލް ފަހުވަގުތު ކާމިޔާބުކޮށްދިނީ ޑެނީ އަލްވޭސް އެވެ. މެންޗެސްޓަރ ސިޓީން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީ ވަރުގަދަ ޑިފެންޑަރ ކޮމްޕެނީއެވެ. މިމެޗުގައި މެންޗެސްޓަރ ސިޓީގެ ޕަބްލޯ ޒަބަލެޓަރ އަށް ވަނީ ރެފްރީ ދެވަނަ ރިނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާ ދަނޑުންވެސް ފޮނުވާލާފައެވެ.
ރޭ ކުޅުނު ދެވަނަ މެޗްގައި ޕީ އެސް ޖީ ބަޔާން ލެވަރކޫސަންއާ ދެކޮޅަށް ކުޅެ މޮޅުވީ 2 ލަނޑު 1 ލަނޑުންނެވެ. މި މޮޅާއެކު އެގްރިގޭޓް 6-1 ގެ ނަތީއަކުން ޕީ އެސް ޖީ ވެސް ވަނީ ކުއަރޓަރ ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ޕީ އެސް ޖީ އަށް 2 ލަނޑު ޖަހައިދިނީ މަރކުނޯސް އަދި އެންރިކޭ ލަވޭޒީއެވެ. ބަޔާން ލެވަރކޫސަންއިން ޖެހި ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ ސިޑްނީ ސޭމް އެވެ. މެޗްގެ ކުރީކޮޅު އެ ޓީމަށް ވަނީ ޕެނަލްޓީއެއްވެސް ލިބިފައެވެ. މި ޕެނަލްޓް ވަނީ ޕީ އެސް ޖީގެ ކީޕަރު ދިފާއުކޮށްފައެވެ. މިމެޗުގައި ބަޔާން ލެވަރކޫސަންގެ އެމްރެ ކޭން އަށް ވަނީ 2 ރީނދޫ ކާޑަކާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފައެވެ.