ނޯތު ލީގުގައި ކުޅުނު ފަހު މެޗުގައި ނ. މަނަދޫ އަތުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއިން މޮޅުވެ, އޭދަފުށި ނޯތު ލީގުގެ ދެވަނަ ކަށަވަރު ކޮށްފިއެވެ.
މަނަދޫގެ ދަނޑުގައި ކުޅުނު މެޗަށް ނިކުތްއިރު އޭދަފުށި ވަނީ އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް މޮޅުވެފައެވެ. އޭގެ ތެރެއިން އެއް މެޗަކީ އޭދަފުށީގެ ދަނޑުގައި މަނަދޫ އަތުން 2-1 އިން މޮޅުވި މެޗެވެ.
އިއްޔެގެ މެޗުގައި އޭދަފުށިން ފެނިގެންދިޔައީ ވަރުގަދަ ކުޅުމެކެވެ. މެޗު ފެށިތާ ހަތަރުވަނަ މިނިޓުގައި އޭދަފުށީންވަނީ ލަނޑެއްޖަހައި ލީޑު ނަގާފައެވެ. އެއީ އެ ޓީމުގެ އިބްރާހިމް ޝަރީފް ނަގައިދިން ހުރަހެއް ބޮލުންޖަހައި ގޯލްގެ ތެރެއަށް ވައްދާލައިގެން އަހްމަދު ޖައުޝަން ޖަހައިދިން ލަނޑެކެވެ. އޭދަފުށީގެ ދެވަނަ ލަނޑު ޝުހްރަބް ދިން ޕާހަކުން އެޓީމުގެ އުނޭސް ޒުބައިރު ޖަހަދިންއިރު ފުރަތަމަ ހާފް ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.
ދެވަނަ ހާފު ފެށިގެން 5 މިނެޓު ތެރޭ އޭދަފުށިން ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ. ތިން ލަނޑު ޖެހުމާއެކު މަނަދޫ ޓީމުގެ ފަރާތުން ފެނިގެންދިޔަ ވަރުބަލިކަމުގެ ފައިދާ ނަގައިގެން އޭދަފުށިން ވަނީ އިތުރު ދެ ލަނޑު ޖަހާ, 5-0 ގެ ވަރުގަދަ ނަތީޖާއިން މުބާރާތް ނިންމާލައިފައެވެ.
މި މެޗުން މޮޅުވުމާއެކު ތާވަލުގެ އެއްވަނާގައި 15 ޕޮއިންޓާއެކު ލީގު ޗެމްޕިއަންކަންކަން ކަށަވަރުކުރި ދިއްދޫ އޮތްއިރު، އޭދަފުށި ވަނީ 9 ޕޮއިންޓާއެކު ތާވަލުގެ ދެވަނަ އަށް ޖެހިލާފައެވެ. 6 ޕޮއިންޓާއެކު ތިން ވަނާގައި ހަނިމާދޫ އޮތްއިރު، ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެވި މަނަދޫ އަށް އަދި މި ލީގުގައި ޕޮއިންޓެއް ނުލިބެއެވެ.





