މިއަދަކީ ހައްޖުމަހުގެ ފުރަތަމަ ދުވަސް ކަމަށާއި އަޟްހާ އީދު ވާނީ މި މަހުގެ 27 ވަނަ ދުވަހަށް ކަމަށް ސައުދީ އަރަބިއާގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
ސައުދީއިން މިގޮތަށް ނިންމާފައިވަނީ އާދިއްތަ ދުވަހުގެ ރޭ ހައްޖުމަހުގެނހަނދު ފެނިފައިވާތީ އެވެ. އެހެންކަމުން އަޟްހާ ޢީދު ދުވަސް ވެގެންދާނީ މި މަހުގެ 27 ވަނަ ދުވަހަށެވެ.
ދިވެހި ކަލަންޑަރުގައި ވެސް ވަނީ މިއަދަކީ ހައްޖުމަހުގެ ފުރަތަމަ ދުވަސް ކަމަށެވެ. އަދި އީދުވާނީ މިމަހުގެ 27 ވަނަ ދުވަސް ކަމަށް ބުނެފައިވެއެވެ.
މިއަދަކީ ހައްޖު މަހުގެ ފުރަތަމަ ދުވަސް ކަމަށް ވާއިރު މި ދުވަސްތަކުގައި ހެޔޮކަންތައް ކުރުން ގިނަކޮށް, ރޯދަ ހިފުމަކީ ސުންނަތްކަން ބޮޑުވެގެންވާ ކަމެކެވެ.
މި އަހަރު ހައްޖަށް ނުދެވުނު ކަމުގައިވިޔަސް މި މާތް ދުވަސްތަކުގެ ސަވާބާއި ދަރުމަ ހޯދުމަށް ޓަކައި އިތުރު ސަމާލުކަމެއް ދީގެން ފަރުޟު އަޅުކަންތައް އަދާކޮށް, ދުޢާކޮށް ހެދުމަށް ސަމާލުކަން ދިނުން މުހިއްމެވެ.





