ބ. އޭދަފުށީގައި ގާއިމުކުރާ ސޯލާ ހަކައިގެ ނިޒާމުގެ މަސައްކަތުގެ 97 އިންސައްތަ ނިމިފައިވާ ކަމަށް މޫސުމަށް އަންނަ ބަދަލުތަކާއި އެންވަޔަރންމަންޓް މިނިސްޓްރީން ބުނެފި އެވެ.
އޭދަފުއްޓާއެކު ޖުމްލަ 32 ރަށެއްގައި 17.5 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތަ ގާއިމްކުރުމުގެ މަސައްކަތް އަންނަނީ ހިނގަމުންނެވެ.
މިއީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރންމަންޓުން ހިންގާ އެސްޕަޔަރ (ASPIRE) އަދި އެރައިޒް (ARISE) މަޝްރޫއުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއުތަކުގެ މައިގަނޑު މަގްސަދަކީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ރާއްޖޭގެ އިގްތިސާދީ އަދި ތިމާވެށީގެ ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމެވެ. މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކަނޑައަޅާފައިވާ ހަކަތައިގެ ސިޔާސަތުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ. އެގޮތުން 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ރައީސް ކަނޑައަޅުއްވާފައިވާ އަމާޒަށް ވާސިލްވުމަށް މި މަޝްރޫއުގެ ސަބަބުން ބޮޑުތަން ފަސޭހަވެގެން ދާނެ އެވެ. ވެގެންދާނެއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ އަގު އަތްނުފޯރާ ފަށަށް އަރަމުން ދާއިރު، ތެލަށް ރާއްޖެއިން ކުރާ ހަރަދު ކުޑަކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހެ އެވެ. މިވަގުތު ސޯލާ ހައިބްރިޑްގެ ބޮޑު ދެ މަޝްރޫއެއް ކުރިއަށްދާއިރު، އޭގެ ތެރޭގައި ބ. އަތޮޅުގެ 25 ރަށް ކަވަރުކުރާ 6.5 މެގަވޮޓްގެ ސޯލާ ހައިބްރިޑް ސިސްޓަމެއް ހިމެނެއެވެ. މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަޝްރޫއުގެ 95 އިންސައްތަ މަސައްކަތް ވަނީ ނިމިފަ އެވެ.
ކުޅުދުއްފުށީ ސިޓީއާ ބ. އޭދަފުށްޓާ ލ. އަތޮޅުގައި މި މަޝްރޫޢުގެ 97 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.
ރާއްޖެއިން މިހާރު ކަރަންޓް އުފެއްދުމަށް ތެލަށް އަހަރަކު ގާތްގަނޑަކަށް 443 މިލިއަން ޑޮލަރު ހަރަދު ކުރެ އެވެ. މިހާރު ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީއަކީ ގާތްގަނޑަކަށް 110 މެގަވޮޓްއެވެ. މި ދައުރު ނިމޭއިރު އެ ހަކަތަ ދެގުނަކޮށް، 220 މެގަވޮޓަށް ބަދަލުކުރުމަށް ސަރުކާރުން އަމާޒުހިފާފައިވެ އެވެ.
މި މަޝްރޫއު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމުން، އަހަރަކު ތެލަށް ކުރާ ހޭދައިން ބޮޑުބައެއް ސަލާމަތް ކުރެވި، ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް މަދުކުރުމަށް މަގުފަހިވެގެންދާނެއެވެ.






