ބީއެމްއެލް ނޯތު ރީޖަން ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ފަހަތުން އަރައި 2- 1 އިން އޭދަފުށި އަތުން ހދ. ހަނިމާދޫ މޮޅުވެއްޖެއެވެ.
ހަނިމާދޫގެ ދަނޑުގައި އިއްޔެ ކުޅުނު މެޗު އޭދަފުށިން ފަށާފައިވަނީ ވަރުގަދަ ކޮށެވެ. އެ ގޮތުން މެޗު ފެށިގެން އެންމެ ދެ މިނެޓު ތެރޭ އެ ޓީމުން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑަކީ ހަނިމާދޫގެ ޑިފެންޑަރުންނަށް ރަނގަޅަށް ހަމަޖެހިނުލައި އުޅެނިކޮށް އޭދަފުށިން ކާމިޔާބު ކުރި ލަނޑެކެވެ.
އޭދަފުށިން ލަނޑު ޖެހުމާއެކު ހަނިމާދޫގެ ކުޅުން ރަނގަޅު ކޮށް އެ ޓީމުން ވަނީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑަކީ ލިބުނު ހިލޭ ޖެހުމަކުން އެ ޓީމުން ކާމިޔާބު ކުރި ލަނޑެކެވެ.
ހަނިމާދޫން މެޗުގެ ނަތީޖާ ބަދަލުކޮށް އޭދަފުށީގެ މައްޗަށް ކުރިހޯދި ލަނޑު ޖެހީ މެޗުގެ 68 ވަނަ މިނެޓުގައެވެ. މިއީ އަރިމަތިން ނަގައިދިން ހުރަހަކުން އެ ޓީމުން ކާމިޔާބު ކުރި ލަނޑެކެވެ.
މި ނަތީޖާއާއެކު ކުޅުނު ތިން މެޗުން ލިބުނު 6 ޕޮއިންޓާއެކީ އެއްވަނައިގައި ވަގުތީ ގޮތުން އޮތީ ހަނިމާދޫއެވެ. ގޯލުގެ ތަފާތުން ދެވަނައިގައި ހަމަ 6 ޕޮއިންޓާއެކީ އޮތީ ދިއްދޫއެވެ. ނަމަަވެސް ދިއްދޫ އަދި ކުޅުނީ ދެ މެޗު ކަމުގައިވާތީ ހަނިމާދޫ ކެޓުމުގެ ފުރުސަތު އެބައޮތެވެ. 3 ޕޮއިންޓާއެކީ ތިންވަނައިގައި އޭދަފުށި އޮތްއިރު އެއްވެސް ޕޮއިންޓެއް ނުލިބި އޮތީ މަނަދޫއެވެ





