އޮންލައިން ދުނިޔޭގައި ކުޑަކުދިންނަށް ކުރިމަތިވާ އާ ނުރައްކާތަކާމެދު ވިސްނަންޖެހޭ: ރައީސް

Capture-8.png

ރައިސް މުޢިއްޒު ޝަހީދު އަލީ ސްކޫލްގެ ދަރިވަރުންތަކަކާއެކު، ފޮޓޯ: ރައީސް އޮފީސް

އޮންލައިން ދުނިޔޭގައި ކުޑަކުދިންނަށް ކުރިމަތިވަމުންދާ އާ ނުރައްކާތަކަކީ، ކުޑަކުދިންގެ ޙައްޤުގައި މުދައްރިސުންނާއި ބެލެނިވެރިން އާ ވިސްނުންތަކެއް ވިސްނަންޖެހޭ ކަމެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ، ރާއްޖޭގައި މިއަދު ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ކޮންމެ އަހަރެއްގެ މޭ މަހުގެ 10 ވަނަ ދުވަހު ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި  ރައީސް ވިދާޅުވޫީ އުފާވެރި ދުވަހެއްކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ މިއަދަކީ ކުޑަކުދިންގެ ޙައްޤުތަކަށް ރައްކާތެރިވުމަށާއި، އެ ކުދިންނަށް އުފާވެރި މާޙައުލެއް ހޯދައިދިނުމަށް ކުރާ މަސައްކަތްތައް އާލާކޮށް ދިރުވުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށެވެ.

ރައީސްގެ ޚިޠާބުގައި އެމަނިކުފާނު ވަނީ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން ކުޑަކުދިންނަށް ކުރިމަތިވާ ނުރައްކާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ޒަމާނީ ތަޢުލީމާއި މުނިފޫހިފިލުވުމަށް ކުދިންނަށް ދެވޭ ވަސީލަތްތަކުގެ ސަބަބުން، ބައެއް ކުދިންނަށް އިޢާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، މިފަދަ ނުރައްކާތަކުން ކުދިން ސަލާމަތްކުރުމަށްޓަކައި ބެލެނިވެރިންނާއި މުދައްރިސުން އާ ގޮތްތަކަކަށް ވިސްނުން ބަހައްޓަންޖެހޭ ކަމަށް ވިދާޅުވިއެވެ.

”އޮންލައިން ދުނިޔޭގައި، އާ ނުރައްކާތަކެއް ކުޑަކުދިންނަށް ދަނީ ކުރިމަތިވަމުންނެވެ. ޒަމާނީ ތައުލީމާއި އަދި މުނިފޫހިފިލުވުމުގެ ފުރުޞަތު ފަހިކުރުމަށް އެ ކުދިންގެ އަތަށް ދޭ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން، ބައެއް ކުދިންނަށް އިޢާދަނުކުރެވޭ މިންވަރުގެ ބޮޑެތި ނުރައްކާތައް ދަނީ ކުރިމަތިވަމުންނެވެ. މިއީ މިފަދަ ދުވަހެއްގައި ކުޑަކުދިންގެ ޙައްޤުގައި މުދައްރިސުންނާއި ބެލެނިވެރިން، އާ ވިސްނުންތަކެއް ވިސްނަންޖެހޭ ދުވަހެކެވެ.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކުޑަކުދިންނަކީ ޤައުމުގެ މުސްތަޤްބަލް ކަމަށް ވީހިނދު، އެ ކުދިންނަށް ބޭނުންވާ އޯގާތެރިކަމާއި ލޯބި ފޯރުކޮށްދިނުމަކީ ކޮންމެ ބޮޑު މީހެއްގެ ވާޖިބެއް ކަމުގައެވެ. އަދި ކުޑަކުދިންނަކީ އިސްލާމީ ރިވެތި އުޞޫލުތަކާއި ދިވެހިވަންތަ އާދަކާދަތަކަށް އަހުލުވެރި، އަޚްލާޤު ރަނގަޅު ބަޔަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

”ކުޑަކުދިންނަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި ފެންވަރު ރަނގަޅު ތަޢުލީމު ކަށަވަރުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނެ. އަދި ކޮންމެ ކުއްޖަކަށްވެސް ސްކޫލް ނިޒާމުގެ ތެރެއިން ފުރުޞަތުތައް ހޯދައިދީ، އެކި ބާވަތުގެ ގޯނާތަކުން ރައްކާތެރިވެފައިވާ ސަލާމަތްތެރި މާޙައުލެއް ޤާއިމުކޮށްދިނުމަކީ ދައުލަތުގެ އެންމެ އިސް އެއް އަމާޒު“ ރައީސް ވިދާޅުވި އެވެ.

ޚިޠާބު ނިންމަވާލައްވަމުން ރައީސް ވަނީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި މުޅި މުޖުތަމަޢު ގުޅިގެން ވިލުންތެރި މަސައްކަތްތަކެއް ކުރުމަށް ގޮވާލައްވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top