ބީއެމްއެލް ނޯތު ރީޖަން ލީގުގައި މިއަދު ކުޅުނު މެޗުގައި ނ. މަނަދޫ އަތުން 2-1 އިން މޮޅުވެ, އޭދަފުށިން މުބާރާތުގައި ކުރިއަށް ދިޔުމުގެ އުއްމީދު ހޯދައިފިއެވެ.
އޭދަފުށި ފުޓްބޯލް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗަށް ނުކުތްއިރު ، މި ދެ ޓީމު ވަނީ ދާދި ފަހުން އޮތް ޒޯން 2 ގެ ފައިނަލުގައި ބައްދަލުކޮށް 6-5 ގެ ނަތީޖާއަކުން މަނަދޫ މޮޅުވެފައެވެ.
މުބާރާތުގައި އޭދަފުށި ކުޅުނު ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ހއ. ދިއްދޫއާ ވާދަކޮށް 1-2 އިން ވަނީ ބަލިވެފަ އެވެ.
މިއަދުގެ މެޗުގައި އޭދަފުށީގެ ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޖެހީ ބާޑިއު ސުހޮރަބް އެވެ.
ދެވަނަ ހާފުގެ 59 ވަނަ މިނެޓުގައި މަނަދޫއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑަކީ ފުދޭވަރަކަށް ދުރުން ލިބުނު ހިލޭ ޖެހުމެއް ގޯލުގެ ތެރެއަށް ވައްދާލައިގެން އެ ޓީމުން ކާމިޔާބު ކުރި ލަނޑެކެވެ.
އޭދަފުއްޓަށް ދެވަނަ ފަހަރަށް މެޗުގެ ލީޑު ނެގުނީ 82 ވަނަ މިނެޓުގައެވެ. މި ލަނޑަކީ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިބްރާހީމް ޝަރީފް ޕެނަލްޓީ އޭރިއާގެ ބޭރުގައި ހުރުމަށްފަހު ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ. މި ލަނޑާއެކީ އޭދަފުށިން ވަނީ މި ބުރުގައި ފުރަތަމަ ފަހަރަށް މޮޅުވެފައެވެ.
މި މޮޅާ އެކު ދެ މެޗުން އޭދަފުއްޓަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ގްރޫޕުގެ އެއް ވަނައިގައި އޮތީ ދެ މެޗުން ވެސް މޮޅުވެފައިވާ ދިއްދޫ އެވެ. އޭދަފުށީގެ އިތުރުން ހަނިމާދޫ ވެސް ވަނީ އެއް މެޗު ކާމިޔާބުކޮށްފަ އެވެ. ފުލުގައި އޮތީ ދެ މެޗުން ވެސް ބަލިވި މަނަދޫ އެވެ.
ނޯތު ރީޖަން ލީގުގެ މެޗުތައް ދެން އޮންނާނީ މެއި 9 އަދި 10 ވަނަ ދުވަހު އެވެ. މެއި 9 ވަނަ ދުވަހު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ހަނީމާދޫ އާއި އޭދަފުއްޓެވެ. މި މެޗު ކުޅޭނީ ހަނިމާދޫ ދަނޑުގަ އެވެ. މެއި 10 ވަނަ ދުވަހު ކުޅޭނީ މަނަދޫ އާއި ދިއްދޫ އެވެ. މިއީ ދިއްދޫ ރަށުން ބޭރުގައި ކުޅޭ މެޗެކެވެ.
ދިވެހި ޕްރިމިއާ ލީގުގެ ކޮލިފައިން އަށް ހޮވޭނީ ލީގު ބުރުން އެއް ވަނަ ހޯދާ ޓީމެކެވެ.





