މީހުންގެ ޑެބިޓްކާޑު ރާއްޖެއިން ބޭރަށް ގެންގޮސްގެން ބޭނުންކުރުން ހުއްޓުވަން ފިޔަވަޅެއް

original_1777720696198.jpeg

ބީއެމްއެލްގެ ސީއީއޯ ޝަރީފް... ފޮޓޯ: ބީއެމްއެލް

އެހެން މީހުންގެ ޑެބިޓްކާޑު ހިފައިގެން ރާއްޖެއިން ބޭރަށްގޮސް ކުރާ ކާޑުގެ މުއާމަލާތް ތައް ހުއްޓުވުމުގެ ގޮތުން ފިޔަވަޅު އެޅުމަށް ބީއެމްއެލުން ނިންމައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، އެ ބޭންކުން ރައްޔިތުންނަށް ދެމުންގެންދާ ބޭންކިން ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށް ބައެއް ހިދުމަތްތަކުގެ އުސޫލުތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމަވާފައިވާކަމަށެވެ. އެގޮތުން އެހެން މީހުންގެ ޑެބިޓް ކާޑުތައް ހިފައިގެންގޮސް ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ފައިސާ ނެގުމާއި ޕީއޯއެސްތައް މެދުވެރިކޮށް ކުރާ މުއާމަލާތްތައް ހުއްޓުވުމަށް ނިންމަވާފައިވާކަން ޝަރީފް ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ، ބޭންކަށް ލިބޭ ޑޮލަރަށްވުރެ ބޮޑު އަދަދެއް އެގޮތަށް ކުރާ މުއާމަލާތްތަކަށް އެ ބޭންކުން ދައްކަންޖެހޭ ކަމަށާއި، މިހެންވުމުގެ ސަބަބުން ހިދުމަތް ބޭނުންވާ މީހާއަށް ހިދުމަތް ދިނުމަށް ދަތިވާކަމަށެވެ. އެހެންކަމުން ނަހަމަގޮތުގައި ކުރަމުންދާ އެފަދަ މުއާމަލާތްތައް ހުއްޓުވުމަށް މީގެ ފަހުން ރާއްޖެއިން ބޭރަށް އެހެން މީހުންގެ ކާޑުތައް ހިފައިގެން ގޮސް ކުރާ މުއާމަލާތްތައް ދެން ނުކުރެވޭނޭކަމަށް ޝަރީފް ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ދާދިފަހަކުން މޯލްޑިވްސް އިމިގްރޭޝަނާއެކު ފަހުމްނާމާ އެއްގައި ސޮއިކޮށްފައެވެ. އެގޮތަށް ހިފައިގެންދާ ކާޑުތަކުން ކުރާ މުއާމަލާތްތައް ބީއެމްއެލުން ހުއްޓުވަނީ އިމިގްރޭޝަނާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުންނެވެ.

ޝަރީފް ވިދާޅުވީ ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށްވެސް ހާއްސަ ކާޑެއް ތައާރަފްކުރުމަށް ނިންމާފައިވާކަމަށެވެ. ބޭރުގައި ކިޔަވަން އުޅޭ ބައެއް ދަރިވަރުން ބެލެނިވެރިޔާގެ ކާޑު ބޭނުން ކުރަމުން އަންނަކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ، މި ނިންމުމާއެކު ދަރިވަރުންނަށް ކާޑެއް ލިބި، ދަރިވަރަށް ދީފައި އޮންނަ ބެލެނިވެރިޔާގެ ކާޑު ބެލެނިވެރިއާއަށް ލިބިގެން ދާނޭކަމަށެވެ. އެގޮތުން މިއީ ބެލެނިވެރިޔާއަށްވެސް ލިބިގެންދާނޭ ފަސޭހައެއްކަމަށް ޝަރީފު ވިދާޅުވިއެވެ. އެގޮތުން ދަރިވަރު ކާޑު ލިބިގެންދާނީ 1200 ޑޮލަރުގެ ލިމިޓަކާއެކުގައިކަން ޝަރީފް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ބީއެމްއެލުން ވަނީ އީ ކޮމާސްގެ ސައިޓްތަކަށް ކާޑު ބޭނުންކުރެވޭ މިންވަރުވެސް ކަނޑައެޅޭ ވަކި ހަމައެއްގައި ބެހެއްޓުމަށް ނިންމާފައެވެ. އެގޮތުން ކޮންމެ މަހަކުވެސް އީކޮމާސްގެ ސައިޓްތަކަށް މުއާމަލާތްކުރެވޭ މިންވަރު ވަނީ 30 ޓްރާންސެކްޝަނަށް ލިމިޓްކުރުމަށް ނިންމާފައެވެ.

ޝަރީފު ވިދާޅުވީ ބީއެމްއެލުން ބައެއް މުއާމަލާތްތަކުގެ އުސޫލްތަކަށް ބަދަލު ގެނައި ނަމަވެސް، ޑޮލަރު އެކައުންޓުތަކަށް ދޫކޮށްފައިވާ ކާޑުތަކަށް ވަކި ލިމިޓެއްނެތި ބޭނުންކުރެވޭނޭކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top