ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ސިޓީތަކުގެ ނަތީޖާއަށް ބަލައިގެން ޕީއެންސީ ބަލިވި ކަމަށް ނުބެލެވޭނެ ކަމަށާއި، މުޅި ރާއްޖޭގެ ނަތީޖާއަށް ބަލާއިރު ތަފާތު ބޮޑުކޮށް ކުރިހޯދި ޕާޓީއަކީ ޕީއެންސީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.
މި މަހުގެ 4 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަންގައި ބ. ކެންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުރިހާ ގޮނޑިއެއް ޕީއެންސީން ކާމިޔާބު ކުރުމާ ގުޅިގެން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ސިޓީތަކުން ބޭނުންވި ނަތީޖާ ނުލިބުމަކީ ހިތާމަކުރާ ކަމެއް ނަމަވެސް، އެކަމާ ކަންބޮޑުވެގެން ނުވާނެ ކަމަށެވެ. އަދި ކޮންމެ ކަމެއްގައި ވެސް ރަނގަޅު ގޮތެއް އޮންނާނެ ކަމަށް ގަބޫލުކުރަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސަލީމް ވިދާޅުވި ގޮތުގައި ކެންދޫން މިފަހަރު ޕީއެންސީން ހޯދީ ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ވެސް ނުލިބޭ ފަދަ ބޮޑު ކާމިޔާބީއެކެވެ.
”މީގެ ކުރިން ބ. އަތޮޅުން ޕީއެންސީގެ ފިކުރަށް އަޣުލަބިއްޔަތު ލިބެނީ ހަމައެކަނި އޭދަފުށިން. ނަމަވެސް، މިފަހަރު ބ. އަތޮޅުގެ 11 ރަށެއްގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އަޣުލަބިއްޔަތު ޕީއެންސީން ވަނީ ހޯދާފައި“
މިއީ އަތޮޅުގެ ސިޔާސީ މަންޒަރު ބަދަލުވެފައިވާ ކަމުގެ ހެތްކެއް ކަމަށް ސަލީމް ވިދާޅުވިއެވެ.
ސަލީމް ފާހަގަކުރެއްވި ގޮތުގައި ކެންދޫއަކީ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރުގެ އަމިއްލަ ރަށަށް ވެފައި، އެ ރަށުން އެންމެ ގޮނޑިއެއްވެސް އެމްޑީޕީއަށް ކާމިޔާބު ނުވުމަކީ މައުރޫފަށް ލިބުނު ބޮޑު ނާކާމިޔާބީ އެކެވެ.
މުޅި އަތޮޅުން ޕީއެންސީއަށް އަޣުލަބިއްޔަތު ނުލިބުނީ ފެހެންދޫއާއި ކަމަދޫއިން އެކަނިކަ ކަމަށާއި، ކަމަދޫގެ ގޮނޑިތައް ގެއްލުނީ ދިމާވި ޓެކްނިކަލް މައްސަލައަކުން ކަން ސަލީމް ފާހަގަކުރެއްވި އެވެ. ނަމަވެސް ކުރިއަށް އޮތް އިންތިޚާބެއްގައި އެ މައްސަލަ ހައްލުކޮށް، ކަމަދޫގެ އަޣުލަބިއްޔަތުވެސް ޕީއެންސީއަށް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.






