މީހުންގެ އަބުރަށް އަރައިގަތުމަކީ ”މުނިފޫހިފިލުވުން“ ކަމުގައި ވެއްޖެ: މިނިސްޓަރު ޝަފީއު

Shafeeu.jpg

ތައުލީމީ ވަޒީރު ޑރ. އިސްމާއީލް ޝަފީއު

ސޯޝަލް މީޑިއާގައާއި އާންމު އެއްވުންތަކުގައި މީހުންގެ އަބުރަށް އަރައިގަތުމަކީ މިއަދު އަޅުގަނޑުމެންގެ ތެރޭގައި ”މުނިފޫހިފިލުވުން“ ކަމުގައި ވެއްޖެ ކަމަށް ތައުލީމީ ވަޒީރު،  އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ވަޒީރު މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި މިނިސްޓަރު ވަނީ ، ސްކޫލްތަކުގައި ބުލީ ކުރާވާހަކަ އާއި ގުޅިގެން އާއްމު ރައްޔިތަކާ ވާހަކަދައްކަވާލެވުނުކަން ފާހަގަކުރައްވައި، އެކަންކަން ހިއްސާ ކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ، ކުދިންނަކީ ވަށައިގެންވާ މާހައުލު ނަކަލުކުރާ ބައެއް ކަމަށާ، ކުލުނާއި އޯގާތެރިކަމެއް ނެތް މާހައުލެއްގައި ބޮޑުވާ ކުއްޖަކަށް ފެނިގެންދަނީ ނުހަނު ނޭދެވޭ މަންޒަރުތަކެއް ކަމަށެވެ.

”އެކަކު އަނެކަކަށް މަލާމާތްކޮށް، ދަށްކޮށްލާ ބަސްތައް ބޭނުންކުރާ މުޖުތަމައަކުން ކުއްޖާ ދަސްކުރާ ނޭދެވޭ އާދަތައް ނަކަލުކޮށް، އެފަދަ ފުރައްސާރަ ސްކޫލުގެ މާހައުލުގައި ތަކުރާރުވޭ“ ވަޒީރު ވިދާޅުވިއެވެ.

މިއާއެކު، އިވޭ ކޮންމެ އަޑަކީ، އަދި ފަތުރާލާ ކޮންމެ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށާ، ނަމަވެސް، ކަންކަމުގެ އަސްލު ބެލުމެއް ނެތި، އަނެކާގެ ހިތަށް ލިބޭނެ އަނިޔާއަށް ވިސްނުމެއް ނެތް މުޖުތަމައަކުން ނުކުންނާނީ ނަފްސާނީ ގޮތުން ބަލިކަށި ޖީލެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

”ހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި މުދައްރިސުން ކުރައްވަނީ އާދައިގެ މަސައްކަތެއް ނޫނެވެ. ކުދިންނަށް ފިލާވަޅުތައް އުގަންނައިދިނުމުގެ އިތުރުން، މުޖުތަމައާއި ގޭތެރެއިން ކުދިންނަށް ފެންނަ ނޭދެވޭ އާދަތައް އިސްލާހުކުރުމަށް މުދައްރިސުން ދަނީ ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ހަމަ މިއާއެކު، ސްކޫލްތަކުގައި ދެވޭ ތަރުބިއްޔަތުގެ ޕްރޮގްރާމް ގިނަކޮށް ހަރުދަނާ ކުރަންޖެހެއެވެ. (މިއަހަރު ކުރިއަށް ގެންދާ “ބިންގާ” ޕްރޮގްރާމަކީ މިފަދަ މަސައްކަތެކެވެ. ސްކޫލްތަކުން މި ޕްރޮގްރާމް ވަރަށް ފުރިހަމައަށް ގެންދާކަން ފާހަގަކޮށް ދަރިވަރުންނަށާއި މުދައްރިސުންނަށް ސާބަސް ދެމެވެ.)“

އަހަރެމެންނަކީ މުސްލިމުންނެވެ. އިސްލާމީ ރިވެތި އަޚުލާގު ކުދިންނަށް އުނގަންނައިދިނުމަކީ އަހަރެމެންގެ އެންމެ ބޮޑު ޒިންމާއެވެ. މީހަކަށް ދެރައެއް ދިނުމަކީ ނުވަތަ ދުލުންނާއި އަތުން ފުރައްސާރަކުރުމަކީ ބޮޑުވެގެންވާ ފާފައެއްކަން ތަކުރާރުކޮށް ކުދިންނަށް ބުނެދޭން ޖެހެ އެވެ. އަދި ރިވެތި ނަމޫނާ އެކުދިންނަށް ބަހާއި އަމަލުން ދައްކަން ޖެހެ އެވެ.

ވަޒީރު ވިދާޅުވިގޮތިގައި ބުލީކުރުން ހުއްޓުވޭނީ އަޅުގަނޑުމެންގެ ގޭތެރެއާއި މުޖުތަމައުގެ މަސްރަހު އުފާވެރި، ހިތްފަސޭހަ، އަދި އެކަކު އަނެކަކުދެކެ ލޯބިވާ ވެއްޓަކަށް ބަދަލުކޮށްގެންނެވެ. ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައިގެންނެވެ.

”ގައުމުގެ މުސްތަގުބަލު ކަމުގައިވާ ކުދިންނަށް ހެޔޮ ނަމޫނާއެއް ނުދައްކައި، އަޅުގަނޑުމެން އެކަކު އަނެކަކަށް އޯގާތެރި ނުވެއްޖެނަމަ، މާދަމާގެ ޖީލު އޮންނާނީ ނަފްސާނީ ގޮތުން ބަލިކަށި، ކުލުނާއި އޯގާތެރިކަމުން މަހުރޫމުވެފައިވާ މާހައުލެއްގައެވެ.“ ވަޒީރު ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top