ބ. ކެންދޫ ކައުންސިލްގެ ރައީސް އިބްރާހިމް އަބްދުއްރަހްމާންގެ ސައިކަލް ވަގަށް ނަގައި ކަނޑުފައްތާލައިފި އެވެ.
އީވީއަށް މައުލޫމާތު ދެއްވަމުން ކެންދޫ މީހަކު ބުނީ މިކަމެއް ހިނގާފައިވަނީ މިދިޔަ ބުދަދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށެވެ. ވަގަށް ނަގައިގެންގޮސް ސައިކަލް ފައްތާފައި ހުރީ އުރަފަށުން ބޭރަށެވެ. ސައިކަލް ކަނޑުފައްތާފައި ހުރިކަން އެނގުނީ ރަށުތެރެއިން ސައިކަލް ހޯދަން ކުރި މަސައްކަތުން އެއްވެސް ތަނަކުން ނުފެނިގެން ކަމަށެވެ.
އިބްރާހިމް އަބްދުއްރާހްމާން ވިދާޅުވީ، މިއީ ސިޔާސީ ކަމެއްގެ ތެރެއިން ހިނގައިދިޔަ ކަމެއްކަމަށް ގަބޫލު ކުރެވޭކަމަށެވެ.
”ސައިކަލް ވަގަށް ނެގި މީހުން ފުރަތަމަ އުޅުނީ އަންދާލަން. އެކަން ނުވެގެން ކަނޑު ފެއްތީކަމަށް ބެލެވެނީ. ވަރަށް ބޮޑެތި ގެއްލުން ލިބިފަ ހުރީ “އިބްރާހީމް ވިދާޅުވި އެވެ.
މިކަމާ ގުޅުންހުރި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރު ފުލުހުންނާ ހިއްސާކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، މިދިޔަ ބުރާސްފަތި ދުވަހު ސައިކަލް ވަނީ މޫދުން ނަގާފައެވެ.





