ބ. ހިތާދޫގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޮޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީ އިން ތައްޔާރުވެއްޖެއެވެ.
އެމްޓީސީސީން ވިދާޅުވީ، ބިން ހިއްކުމަށް ބޭނުންވާ ސާމާނު މިދިޔަމަހު 27ވަނަ ދުވަހު އެރަށަށް ގެންގޮސްފައިވާކަމަށެވެ. އަދި މިހާރު ކުރަމުންދަނީ ބިން ހިއްކުމަށް ހަމަޖެހިފައިވާ ސަރަޙައްދުގެ ވަށައިގެން ފަޅުތެރޭގައި ބައުންޑް ވޯލް ޖެހުމުގެ މަސައްކަތެވެ.
ހިއްކާ ބިމުގެ ވަށައިގެން 691 މީޓަރުގެ ރިވެޓްމަންޓް އަދި 25 މީޓަރުގެ 6 ފައިކަށި ލުމަށް ވަނީ ހަމަޖެހިފައެވެ.
މި މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 137 މިލިޔަން ރުފިޔާއަށް 1 އަހަރާ 3 މަސް ދުވަހުން ނިންމާގޮތަށެވެ.
މި މަޝްރޫޢުގެ ދަށުން ހިތާދޫން 15 ހެކްޓަރުގެ ބިން ހިއްކާނެއެވެ.





