އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށްފަހު ޚަރަދު ކުޑަކުރުމުގެ ފިޔަވަޅު އަޅަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދޮގު ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ޚަރަދު ކުޑަކުރުމުގެ ގޮތުން އިންތިޚާބަށްފަހު ފިޔަވަޅު އަޅަން ނިންމާފައި ނުވާ ކަމަށެވެ.
“އެކަހަލަ (އިންތިޚާބަށްފަހު ފިޔަވަޅު އަޅަން) އެއްވެސް މަޝްވަރާއެއްވެސް ނުކުރަން އަދި އެގޮތަށް ނިންމާފައި އޮތް ކަމެއްވެސް ނޫން. ތި ލިބިވަޑައިގެންނެވި މައުލޫމާތަކީ ހަގީގީ މައުލޫމާތެއް ނޫން. އިންތިޚާބު ނިމިގެން އަޅަން ބަހައްޓާފައި ހުރި ފިޔަވަޅެއް ނޯންނާނެ،” ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އަޅަން ނިންމާފައިވާ ފިޔަވަޅުތައް ކޮންމެ ހަފުތާއަކު ހާމަކުރަމުންދާ ކަމަށެވެ.
މެދުއިރުމަތީގެ ހަނގުރާމަ ދިގުލައިގެންދާނަމަ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމުގެ މަޝްވަރާތައް ވަނީ ފަށާފަ އެވެ.
ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ރައްޔިތުންނަށް ބުރައަކަށް ނުވާނެ ގޮތަށް ފިޔަވަޅު އެޅުން ކަމަށެވެ.






