ބ.އަތޮޅުގައި ހިންގާ ރިސޯޓްތަކަށް އަމާޒުކޮށްގެން އޭދަފުށީ ޒުވާނުންގެ ކްލަބްގެ ފަރާތުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިންޓަރ ރިސޯޓް ފުޓްބޯޅަ މުބާރާތް މިއަދު ފަށައިފިއެވެ.
މުބާރާތް ފެށުމުގެ ގޮތުން އޭދަފުށީ ރަސްމީ ބޯޅަދަނޑުގައި މިއަދު ހަވީރު ކުޅެވުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ ޓީއެސްއެމްއައިސީ (އަމިއްލަފުށި ) އާއި ކިހާދުއްފަރު ރިސޯޓެވެ. މި މެޗް 3-1ން ކާމިޔާބުކުރީ އަމިއްލަފުށި ރިސޯޓެވެ.
ދެޓީމުގެ ކުޅުމަށް ބަލާއިރު މެޗްގެ އަށްވަނަ މިނިޓްގައި ކިހާދުއްފަރުރިސޯޓްގެ އަބްދުﷲ އަބްދުލްވައްހާބުވަނީ ލަނޑެއްޖަހައި ޓީމަށް ލީޑް ނަގާދީ ފައެވެ. އެހެންނަމަވެސް ފުރަތަމަ ހާފް ނިމެންދަނިކޮށް އަމިއްލަފުށިގެ ހުސެން ޝިފާހު ވަނީ ލަނޑެއްޖަހައި މެޗް އެއްވަރު ކޮށްފައެވެ.
ދެވަނަ ހާފްގައި މެޗްގެ 57ވަނަ މިނިޓްގައި އަނެއްކާވެސް އަމިއްލަފުށިން ލަނޑެއްޖަހައި ލީޑް އަތުލިއެވެ. އަދި އޭގެ 12 މިނިޓް ފަހުން އިތުރު ލަނޑެއްޖަހައި މެޗްގެ ނަތީޖާ 3-1 އަށް ބަދަލުކޮށްލީ އަމިއްލަފުށީގެ މޫސާ ފަޔާޒެވެ.
މި މުބާރާތުގެ 2 ވަނަ މެޗުގައި މާދަމާ ހަވީރު ބައްދަލު ކުރާނީ ސޮނެވާފުށި ރިސޯޓްއާއި ދުސިތް ތާނީ ރިސޯޓްއެވެ. މި މެޗް ފަށާނީ މާދަމާ ހަވީރު 4:15 ގައެވެ.