ސްޓާރޕްލަސްއިން ގެނެސްދޭ، ދިވެހިންގެ ތެރޭގައި މަޝްހޫރު ޓެލެޑްރާމާ “ޔޭހޭ މުހައްބަތޭން “ގެ ނެގެޓިވް ރޯލްގައި ހަރަކާތްތެރިވަމުންދާ ޝަގުން އަރޯރާ (އަނީތާ ހަސަނުއްދާނީރެޑީ ) އޭނާގެ ފިރިމީހާ ރޯހިތުއާއެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަގެންދެއެވެ.
އަނީތާ 36. ގެ ދެމަފިރިން ޗުއްޓީ ހޭދަކުރަމުންދަނީ ރ.އަތޮޅުގައި އޮންނަ އަދާރަން ރިސޯޓުގައެވެ. ޝަގުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު މިޑްރާމާގެ ބަތަލް ކަރަން ޕަޓޭލް (ރަމަން ބައްލާ)ވެސް ދަނީ އަނބިމީހާއާއެކު ލަންޑަންގައި ހަނީމޫންގެ ދުވަސްތައް ހޭދަކުރަމުންނެވެ.
ސޯޝަލް މީޑިއާއާ ގާތް ގުޅުމެއް އޮންނަ އަނީތާ އޭނާގެ އިންސްޓަގުރާމާއި ފޭސްބުކްގައި ރާއްޖޭގެ ރީތި މަންޒަރުތަކާއެކު އޭނާނަގާފައިވާ ފޮޓޯތައް އަންނަނީ ޕޯސްޓް ކުރަމުންނެވެ .
އަނީތާ ޗުއްޓީ ހޭދަކުރުމަށް ރާއްޖެއައިސްފައިވަނީ މިމަހުގެ 22ގައެވެ.
އެކްޓްރެސް އަދި މޮޑެލް އަނީތާ ،ވިޔަފާރިވެރިޔާ ރޯހިތުރެޑީއާއި ކައިވެނި ކުރީ އޮކްޓޯބަރު 14، 2013 ވަނަ އަހަރު ގޯއާގައެވެ.
އަނީތާ އެންމެ ފުރަތަމަ ޓީވީއިން ފެނިފައިވަނީ މެޓްރޯ ގޯލްޑް ޗެނަލް އިން 2001 ވަނަ އަހަރު ދެއްކި ޓީވީ ސީރީސް، “ކަބީ ސޯތާ ކަބީ ސެހެލީ” އިންނެވެ. “ޔޭ ހޭ މޮހޮއްބަތޭން” އޭނާ ފެންނަން ފެށީ 2013 ވަނަ އަހަރުން ފެށިގެންނެވެ.