ޒާތީ ފޮޓޯ ބޭނުން ކޮށްގެން ބިރު ދެއްކުން އިތުރުވަނީ

65385f64-9bef-426c-af87-7cdadd125430-scaled.jpg

މީސްމީޑިއާގެ އެކި މަންސަތަކުގައި މީހުންގެ ޒާތީ މައުލޫމާތާއި ފޮޓޯ ބޭނުންކޮށްގެން ބިރު ދެއްކުމުގެ މައްސަލަ ތައް އިތުރު ވަމުން ދާކަމަށް ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ، މިފަދަ މައްސަލަތަކުގެ ތެރޭގައި މީހުންގެ ޒާތީ މައުލޫމާތު އާންމުކުރާނެ ކަމަށް ބުނެ ބިރުދައްކައިގެން ފައިސާ ހޯދުމާއި، މީހުންގެ ރުހުމަކާ ނުލައި އެފަދަ ތަކެތި ފެތުރުމާއި ވިއްކުމުގެ އަމަލުތައް ހިމެނޭ ކަމަށެވެ. މީގެ އިތުރުން، ޒަމާނީ ޓެކްނޮލޮޖީ ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އުފައްދާފައިވާ، އަސްލެއް ނެތް ތަސްވީރުތަކާއި ވީޑިއޯތައް ބޭނުންކޮށްގެން މީހުންގެ އަބުރަށް ހުތުރުވާފަދަ ތަކެތި އުފެއްދުމުގެ މައްސަލަތައް ވެސް ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ފުލުހުންގެ ބުނީ، މިފަދަ ގިނަ މައްސަލަތަކަކީ ދެމީހެއްގެ ދެމެދުގައި އޮންނަ ގާތް ގުޅުމެއްގެ ތެރެއިން އިތުބާރާއެކު ހިއްސާކޮށްފައިވާ މައުލޫމާތުތަކެއް، އެ ގުޅުން ކެނޑުމުން ބޭނުންކޮށްގެން ހިންގާ އަމަލުތަކެއް ކަމަށެވެ. މިގޮތުން، އަނެކާގެ އަބުރު ނަގާލުމަށާއި، ބިރުދެއްކުމަށާއި، ނުވަތަ މާލީ އަދި ޒާތީ މަންފާއެއް ހޯދުމަށް މިފަދަ ތަކެތި ބޭނުންކުރަމުންދާކަން ފުލުހުން ފާހަގަކުރެއެވެ.

މިއީ ބޮޑެތި ކުށްތަކެއްގެ ގޮތުގައި ބެލެވޭ އަމަލުތަކެއް ކަމަށާއި، މިފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބޭ ފަރާތްތަކަށް ނަފްސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށް ފުލުހުން ބުނެއެވެ. ވަކިން ހާއްސަކޮށް، އާއިލީ ގުޅުންތަކާއި އަމިއްލަ އަބުރުވެރިކަމަށް ބޮޑު އިސްކަމެއްދޭ ދިވެހި މުޖުތަމައެއްގައި މިފަދަ ކަންކަމުގެ ނުރައްކާ މާ ބޮޑުކަން ފުލުހުން ފާހަގަކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top