ފިޠުރު ޒަކާތް ނުދައްކާ ނަމަ ރަމަޟާން މަހުގެ އަޖުރާއި ސަވާބު މަޑުޖެހޭ ކަމަށް ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން ފައުންޑޭޝަނުން ރޯދަ މަހުގެ ރޭތައް އިހްޔާ ކުރަން ބާއްވަމުން އަންނަ ދަރުސް ސިލްސިލާގެ ތެރެއިން ރޭ ބޭއްވި ފަހު އިހްޔާ ޖަލްސާގައި މައުމޫން ވިދާޅުވީ ރަމަޟާން މަހަކީ ވަރަށް މާތް މައްސަރެއް ކަމަށާއި ގިނަ އަގުހުރި ފުރުސަތުތަކެއް ލިބިގެންދާ މައްސަރެއް ކަމަށެވެ. އެގޮތުން އެ މަހުގެ ތެރޭގައި އީމާންކަން އިތުރުވެގެން ދިއުމާއި، ކުރާ އަޅުކަންތައް އިތުރުވެގެން ދިއުމާއި، މާތް ﷲ ދެއްވާ އިތުރު ނިޢުމަތްތައް ފެނިގެން ދިއުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.
އަދި ރޯދައި މަތިވެރި އަޅުކަމަށް ފަހު ދެން ކުރިއަށް އޮތީ ފިތުރު އީދު ކަމަށްވާތީ ފިތުރު އީދުގެ ކުރިން ކުރަން ޖެހޭ ވަރަށް މުހިއްމު އެއް ކަމެއް އެބައޮތްކަން މައުމޫން ހަނދާންކޮށް ދެއްވި އެވެ. އެގޮތުން ފިތުރު ޒަކާތް ދެއްކުމަކީ، ކިތަންމެ ކުޑަޔަސް ކިތަންމެ ބޮޑަސް، އަންހެނަކަސް ފިރިހެނަކަސް ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ އެ ވާޖިބުން އިސްތިސްނާ އެއްވެސް އިންސާނަކު، އެއްވެސް މުސްލިމަކު ނުހުންނާނެ ކަމަށެވެ.
އެހެންވެ ދުނިޔޭގައި އެންމެ ދުވަހަކު ހުންނަ ކުއްޖާއަށް ވެސް ފިތުރު ޒަކާތް ވާޖިބުވާ ކަމަށް ވިދާޅުވި އެވެ. އެކަމުގެ ޝަރުޠަކީ ރަމަޟާން މަހުން ބައެއްގައި ދުނިޔޭގައި ހުރެ ހަމަ އެހެންމެ ޝައްވާލު މަހުން ބައެއްގައި ދުނިޔޭގައި ހުރުން ކަމަށެވެ. އެހެންކަމުން ފިތުރު ޒަކާތަކީ، އެންމެންގެ މައްޗަށް ވާޖިބު ކަމެއް ކަމަށް މައުމޫން ވިދާޅުވި އެވެ. އެހެންވެ ފިތުރު ޒަކާތް ދެއްކުމަށް އަވަސްވެ ގަތުމަކީވެސް މުހިއްމު ކަމެއް މަށް ވިދާޅުވި އެވެ.
”ދުނިޔޭގައި އެންމެ ދުވަހަކު ހުންނަ ކުއްޖާއަށް ވެސް ފިޠުރު ޒަކާތް ވާޖިބުވޭ. އެކަމުގެ ޝަރުޠަކީ ރަމަޟާން މަހުން ބައެއްގައި ދުނިޔޭގައި ހުރެ، ހަމަ އެހެންމެ ޝައްވާލު މަހުން ބައެއްގައި ދުނިޔޭގައި ހުރުން،“ ޒަކާތް ވާޖިބުވާ މީހުންގެ ތަފްޞީލު ދެއްވަމުން މައުމޫން ވިދާޅުވިއެވެ.
ޒަކާތް ދެއްކުމުގެ ވަގުތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ޢީދު ނަމާދުގެ ކުރިން ޒަކާތް ދެއްކުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. ޢީދު ނަމާދުގެ ކުރިން ދައްކައިފި ނަމަ އެވާނީ ޒަކާތަކަށެވެ. ނަމަވެސް ޢީދު ނަމާދަށް ފަހު ދައްކާ ފައިސާ ބެލެވޭނީ އާދައިގެ ސަދަޤާތެއްގެ ގޮތުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެހެންކަމުން، ރަމަޟާން މަސް ނިމި ޢީދު ނަމާދަށް ދިއުމުގެ ކުރިން، ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފްސާއި، އެމީހެއްގެ ބެލުމުގެ ދަށުގައި ތިބި ޚަރަދު ބަރަދު ލާޒިމުވާ އެންމެންގެ ފަރާތުން ފިޠުރު ޒަކާތް ދެއްކުމަށް އަވަސްވެގަތުމަށް ރައީސް މައުމޫން ވަނީ އިލްތިމާސް ކުރައްވާފައެވެ.
“އަޅުގަނޑުމެން އެބަޖެހޭ މި ރަމަޟާން މަސް ދިއުމާ އެކީގައި އަދި އީދުނަމާދުގެ ކުރިން މި ޒަކާތް ދައްކަން.” މައުމޫން ވިދާޅުވި އެވެ.







