ރާއްޖެއަށް ތެލާއި ކާބޯތަކެތި ގެނައުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ދިމާވެދާނެ ދަތިތައް ބަލަމުންދާ ކަމަށާއި ތެލާއި ކާބޯތަކެތި ލިބުމުގައި މިވަގުތު އެއްވެސް ދައްޗެއް ނެތް ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ހަމަނުޖެހުންތަކާއި ގުޅިގެން ރާއްޖެއަށް ކުރާ އަސަރު ދެނެގަނެ އަދި މިކަމަށް އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށް ވަޒީރުންގެ ޚާއްޞަ ކޮމެޓީއެއް ވެސް އެކުލަވާލައިވާ ކަމަށެވެ. ރައީސް ވިދާޅުވީ، ކޮމެޓީން ކަމާއި ގުޅުންހުރި ހުރިހައި ދާއިރާއަކުން ކަންކަން ބަލަމުން އަންނަ ކަމަށެވެ.
“ތެލަށް އިރާދަކުރެއްވިއްޔާ އެއްވެސް ވަރެއްގެ ކަންބޮޑުވުމެއް އަޅުގަނޑުމެންނަކަށް ދިމަލެއްނުވޭ. އަޅުގަނޑުމެންނަށް ހަމަ ރަނގަޅަށް އެކަން އޮތީ ހަމަޖެހިފައި. އެއްވެސް ވަރަކަށް ތެޔޮ ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެންނަށް ނުލިބޭނެ ކަހަލަ ގޮތަކަށެއް އަދި ނެތް އެއްވެސް ވަރަކަށް ކަންބޮޑުވާންޖެހޭ ކަހަލަ އެއްވެސް ކަމެއް އިރާދަކުރެއްވިއްޔާ. ތެލުގެ އިޝޫއެއް ނެތް. ކާބޯތަކެތީގެ އިޝޫ އެއްވެސް ނެތް.” ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ އިޤްތިޞާދަށް މިކަމުން ކުރަމުންދާ އަސަރު ބަލާ ކުޑަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އެގޮތުން މެދުއިރުމަތިން ޓްރާންސިޓްކޮށް އަންނަ ފްލައިޓްތައް އެހެން ގޮތަކަށް ރާއްޖެއަށް އާދެވޭނެ އިންތިޒާމްތައް މިހާރު ހަމަޖައްސަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އަދި އެއާލައިންތަކާއި އެޖެންޓުންނާއި ވާހަކަ ދައްކައި މިހާރު ބައެއް ފްލައިޓްތައް އެގޮތަށް އޮޕަރޭޓް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.





