ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން ގޭގައި މަސައްކަތް ކުރުމަށް ތިން ގޮތަކަށް ހުއްދަ ދީ، ސިވިލް ސާވިސްގެ ގަވައިދު އިސްލާހު ކޮށްފިއެވެ.
އެ އިސްލާހުގައިވާ ގޮތުން ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން, ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބެލެނިވެރިން އޮފީހަށް ހާޒިރުނުވެ އޮފީސް މަސައްކަތްތައް ކުރުމަށް އެދޭ ހާލަތުގައި އެގޮތަށް މަސައްކަތްކުރުމުގެ ހުއްދަ އެ އިދާރާއަކުން ދޭންވާނެއެވެ.
އެ ހުއްދަ ދޭންވާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާންމު ދިރިއުޅުމުގައި ދުވަހުން ދުވަހަށް ކުރަންޖެހޭ ކަންތައްތަކުގައި އެހެން ފަރާތެއްގެ އެހީތެރިކަން ބޭނުންވާނެ މިންވަރު ބަޔާންކޮށް ސިއްހީ މަސައްކަތްތެރިޔަކު ދޫކޮށްފައިވާ ލިޔުމަށް ރިއާޔަތްކުރުމަށް ފަހު ކަމަށް އިސްލާހުގައިވެއެވެ.
މިގަވާއިދުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ވަނީ ތިން ދަރަޖައަކަށް ބަހާލާފައެވެ. އެއީ:
1. އާންމު ދިރިއުޅުމުގައި އެހެން ފަރާތެއްގެ އެހީތެރިކަން ކޮންމެހެންވެސް ބޭނުންވާ ފަރާތްތައް.
2. އާންމު ދިރިއުޅުމުގައި މެދުމިންވަރަކަށް އެހީތެރިކަން ބޭނުންވާ ފަރާތްތައް.
3. އާންމު ދިރިއުޅުމުގައި އެހެން ފަރާތެއްގެ އެހީތެރިކަން ބޭނުންނުވާ ފަރާތްތައް.
މީގެ ތެރެއިން ފުރަތަމަ ދަރަޖައިގައި ހިމެނޭ، އެހެން ފަރާތެއްގެ އެހީތެރިކަން ކޮންމެހެން ބޭނުންވާ ފަރާތްތަކުގެ ބެލެނިވެރިންނަށް މުޅި ދުވަހު އެއްކޮށް އޮފީހަށް ހާޒިރުނުވެ ‘ވަރކް ފްރޮމް ހޯމް’ އުސޫލުން މަސައްކަތްކުރުމުގެ ހުއްދަ ދޭންވާނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
މިގޮތަށް ހުއްދަ ދޫކުރާއިރު، އެ މުވައްޒަފަކު ކުރާ މަސައްކަތަކީ ގޭގައި ހުރެގެން ކުރެވޭނެ ފަދަ މަސައްކަތެއްކަން ކަށަވަރުކުރަންޖެހެއެވެ. އަދި ގޭގައި މަސައްކަތް ކުރެވޭނެ ފަދަ އެކަށީގެންވާ މާހައުލެއް ލިބިފައިވާކަންވެސް ކަށަވަރުކުރަންޖެހޭނެ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ގަވާއިދަށް ގެނައި އިސްލާޙުގައިވެއެވެ.
މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް “ބަފަރ ޓައިމް” ދިނުމަށްވެސް މިގަވާއިދުގައި ވަނީ ހިމަނާފައެވެ. އެގޮތުން އެމީހަކު ބަލަހައްޓާ ނުކުޅެދުންތެރިކަން ހުންނަ ފަރާތަށް ދިމާވާ ޙާލަތަކާ ގުޅިގެން ރަސްމީ މަސައްކަތުގެ ގަޑިން ފެށިގެން 1 ގަޑިއިރުގެ ބަފަރ ޓައިމެއް ދެވޭނެއެވެ. އަދި ބަފަރ ޓައިމްގެ ތެރޭގައި މުވައްޒަފު އޮފީހަށް ހާޒިރުވި ވަގުތަށް ބަލައި، އެ މިންވަރަށް އޮފީސް ނިމޭ ގަޑި ފަސްކުރެވޭނެ ކަމަށްވެސް ބަޔާންކޮށްފައި ވެއެވެ.






