ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މޮބައިލް އެޕް މެދުވެރިކޮށް ޑޮލަރަށް އެދި ހުށަހެޅޭނެ އިންތިޒާމު އެ ބޭންކުން ހަމަޖައްސައިފިއެވެ.
މިއީ ބޭސްފަރުވާއަށް ފުރާ ފަރާތްތަކަށް ޑޮލަރު ހޯދުމުގައި ލުއިފަސޭހަ ކޮށްދިނުމަށް ގެނައި ބަދަލެކެވެ.
ބީއެމްއެލް އިން ނެރުނު ބަޔާނެއްގައި ބުނީ، މި ޚިދުމަތަށް މިހާރުން ފެށިގެން ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ފަސޭހަމަކާއެކު ހުށަހެޅޭނެ ކަމަށެވެ. ޑޮލަރު ގަތުމަށް އެދި ހުށަހަޅާއިރު ބޭނުންވާނެ ލިޔެކިޔުންތަކާއި މައުލޫމާތު އެޕް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށާއި، އަދި އެޕްލިކޭޝަންގެ ސްޓޭޓަސްވެސް އެޕް މެދުވެރިކޮށް ވަގުތުން ބަލައިލެވޭނެ ކަމަށް ބޭންކުން ބުނެއެވެ.
ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތަކުގެ ތެރެއިން އާސަންދަ ނުވަތަ އެންސްޕާގެ އެހީގައި ދަތުރުކުރާ ފަރާތްތަކަށް 2000 ޑޮލަރާ ހަމައަށް ބޭންކުން ޑޮލަރު ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ދަތުރުކުރާ ފަރާތްތަކަށް 1000 ޑޮލަރާ ހަމައަށް ޑޮލަރު ވިއްކާނެއެވެ. ބޭންކުން ބުނި ގޮތުގައި މިގޮތަށް ވިއްކާ ޑޮލަރު ޖަމާކޮށްދޭނީ ސީދާ އެދި ހުށަހަޅާ ފަރާތުގެ ބީއެމްއެލް އެކައުންޓަށެވެ.





